އިސްލާމް ދީނުގައި އެކުވެރިވުމަށް އަންގަވާފައިވާ ކޮންމެ ޕޮއިންޓެއްގައި ހިފެހެއްޓުމަށް ޝެއިހް ޢަބްދުލް ޢަޒީޒު ޙުސައިން ގޮވާލައްވައިފި އެވެ.
އޭނާ އެގޮތަށް ގޮވާލައްވާފައި ވަނީ ސިފައިންގެ ހިތްތަކުގައި ދީނީ ލޯތްބާއި ގައުމީ ރޫޙް އާލާ ކުރުމަށް ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިހް ވިދާޅުވީ މުޖުތަމަޢު ރައްކާތެރި ކުރުމަށްޓަކައި ޣީބަ ބުނުމާއި ދެބައޮޑުވުމާއި މީހުންގެ އިއްޒަތާއި އަބުރަށް ހުތުރު އަރާ ކަހަލަ ވާހަކަ އާއި ފާހިޝްވާހަކަތައް ދެއްކުން ނަހީކޮށް އެކަކު އަނެކަކަށް އިޙްތިރާމް ކުރަން އިސްލާމް ދީން އަންގަވާފައިވާ ކަމަށެވެ.
މިގޮތުން ރަސޫލުﷲ ގެ ޒަމާނުގައި ހިނގާފައިވާ ބައެއް ހާދިސާތަކުން މިސާލު ނަންގަވާ މާތް ވެގެންވާ އިސްލާމް ދީން އަޅުގަނޑުމެންނަށް ބަޔާންކޮށް ދެއްވި ހުރިހާ ކަމެއްގައި ހިފެހެއްޓުމަށް އިލްތިމާސް ކުރެއްވި އެވެ.
ޤުރުއާނުން ދަލީލު ދައްކަވަމުން ޝެއިހް ވިދާޅުވީ ފާސިޤަކު ޚަބަރެއް ހިފައިގެން އަތުވެއްޖެ ނަމަ އޭގެ ދޮގު ތެދު ނުބަލައިފި ނަމަ ޣާފިލުކަން މަތީގައި ވީނުވީއެއް ނޭގި އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭ ހިސާބަށް ކަންތައްތައް ހިނގައި ދާނެ ކަމަށެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޝެއިހް ވިދާޅުވީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ބުނިބުންޏޭ ކިޔާފައި ދައްކާ ވާހަކަތަކުގެ ނަތީޖާއަކީ ދޮގުކަމަށާއި ރަސޫލުﷲ ތަރުބިއްޔަތު ކުރެއްވި ޖީލުގެ މައްޗަށް މިއަދު ބައެއް މީހުން މަލާމާތް ކުރާ ކަމަށެވެ.
މިގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދީނަށް މަލާމާތް ކުރުމަކީ އިންސާނާ ދީނުން ބޭރުވާ ކަމެއް ކަމެއް ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށެވެ. އަދި ދީނުން ބޭރުވާ 10 ކަމެއް ވާ ކަމަށާއި އެ ކަންތައްތަކުގެ ތެރޭގައި ދީނަށް މަލާމާތް ކުރުން ހިމެނޭ ކަމަށެވެ.
ހަމައެހެންމެ ދީނަށް މަލާމާތް ކުރުމަކީ މުސްލިމުންނަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުން ކަމަށާއި މިއީ ކާފަރުންގެ ސިފަތައްކަން އެ މަނިކުފާނު ބަޔާން ކުރެެއްވި އެވެ.
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ނަރަކައިން ސަލާމަތްވާން މަސައްކަތްކުރާ ބަޔަކަށްވުމަށް ނަސޭހަތްތެރިވަމުން އެ މަނިކުފާނު ވިދާޅުވީ ކަދުރު އޮތް ފަޅިއެއް ހޭދަކޮށްގެން ނަމަވެސް ނަރަކައިން ސަލާމަތް ވެވޭތޯ މަސައްކަތްކުރުމަށް ރަސޫލުﷲ އިރުޝާދު ދެއްވާފައިވާ އިރު އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި ދަރިން ނަރަކައިގެ ވޭންދެނިވި ޢަޒާބުން ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި އެކުވެރިކަން ދެމެހެއްޓޭނެ ގޮތްތަކެއް މާތްވެގެންވާ އިސްލާމް ދީނުގައި ބަޔާން ކުރައްވާފައިވާ ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިހް ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރާ ބޭފުޅުންގެ ތެރެއިން އެއްބަޔަކީ ސިފައިން ކަމަށާއި އެހެންކަމުން ސިފައިންނަކީ މީހުން ގަދަރު ކުރާ ނަމޫނާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.
އިސްލާމް ދީން ގޮވާލަނީ ބައިބައިނުވެ އެކުވެރިވުމަށާއި މަޢާފު ކުރުމަށާއި ﷲގެ ފޮތުގައި ހިފަހައްޓައިގެން ތިބުމަށެވެ.