Last Updated: June 25, 02:05
Wednesday, June 24, 2026
ޚަބަރު

ރިލްވާނުގެ ފުރިހަމަ ތަހުގީގެއް މި ވެރިކަމުގެ ފަހުން ކުރެވޭނެ: ނަޝީދު

ރައީސް ޔާމީންގެ ވެރިކަން ނިމުމުން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މައްޗަށް ފުރިހަމަ ތަހުގީގެއް ކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރި ޓުވީޓެއްގައި ރިޟްވާން ހޯދުމަށް ގޮވާލާފައިވާއިރު މިއަދަކީ ރިޟްވާން ވީނުވީއެއް ނޭނގި ގެއްލިފައިވާތާން 1،000 ވަނަ ދުވަހެވެ.

މިއަދާއި ހަމައަށްވެސް ފުލުހުންނަށް ރިޟްވާނުއަށް ވީގޮތެއް ހޯދިފައިނުވާއިރު ފުލުހުން މީގެ ކުރިން ހާމަކުރި ބައެއް މައުލޫމާތުން ރިޟްވާން ވަނީ ވަގަށް ނަގާފައި ކަމަށް ބެލެވެއެވެ.

އަދި އެއަމަލު ހިންގި ބައެއް މީހުން ރާއްޖެ ދޫކޮށް ސީރިޔާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިޟްވާން ވަގަށް ނަގާފައިވާއިރު ވީނުވީއެއް މިއަދާ ހަމައަށްވެސް އެނގިފައިނުވާތާނގައި ރިޟްވާން ހޯދުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރި ރިޟްވާނުގެ އެންމެ ގާތް އެކުވެރިޔާ، ޔާމީން ރަޝީދު ވަނީ މިދިޔަ މަހުގައި އަނިޔާވެރިގޮތަކަށް މަރާލާފައެވެ. ފުލުހުންނަށް ޔާމީންގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނެވިފައިނުވާއިރު އެމީހުންނަކީ ކޮން ބައެއްކަން ދަނެގަނެވިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.