Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ކައުންސިލް އިންތިހާބު ކަވަ ކުރުމުގެ ފުރުސަތެއް ރާއްޖެ ޓީވީއަކަށް ނެތް!

އަންނަ ހޮނިހިރު ދުވަހު ބާއްވާ ތިން ވަނަ ލޯކަލް ކައުންސިލް އިންތިހާބް ކަވަރު ކުރުމުގެ ފުރުސަތު އިލެކްޝަން ކަމިޝަނުން ރާއްޖެ ޓީވީއަށް ނުދިން ކަމަށް އެ ސްޓޭޝަނުން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ އިންތިހާބް ކަވަރު ކުރުމަށް އެ ސްޓޭޝަނުން ހުށަހެޅި 32 މީހެއްގެ ފޯމު އެކި ބަހަނާ ދެއްކުމަށްފަހު އިލެކްޝަނުން ރިޖެކްޓްކޮށްފައިވާ ކަމަށެވެ.

ފިޔާޒު ވިދާޅުވީ ރިޖެކްޓް ކުރި ފޯމުތައް އަލުން އޮންލައިންކޮށްވެސް ހުށަހެޅި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ނޫސްވެރިއަކަށް ފާސް ދޫނުކުރިކަމަށް ފިޔާޒު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އިލެކްޝަން ކަމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ރާއްޖެ ޓީވީން ހަދަނީ ހުސް ދޮގު ކަމަށާއި އިންތިހާބް ކަވަރު ކުރުމަށް ރާއްޖެ ޓީވީއަށް 165 ފާސް ދޫކޮށްފައިވާ ކަމަށެވެ. އަދި ބައެއް ފޯމް ރިޖެކްޓް ކޮށްފައިވަނީ ހުށަހެޅި މައުލޫމާތު ދިމާނުވާތީ ކަމަށެވެ.

އަކްރަމް ވިދާޅުވީ އެފޯމުތައް އިސްލާހު ކުރުމަށް ރާއްޖެ ޓީވީއަށް 48 ގަޑިއިރުގެ މުއްދަތެއް ދިން ކަމަށެވެ.

އިންތިހާބު ކަވަރުކުރަން ރާއްޖެ ޓީވީ އަށް ފުރުސަތު ނުދިނުމަކީ، ފިޔާޒު ވިދާޅުވި ގޮތުގައި މިނިވަން އިންތިހާބަކަށް އެޅިގެންދާނެ ހުރަހެއް ކަމަށާއި، އިންތިހާބާމެދު ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.