ގައުމު ތަރައްގީ ކުރަން ބޭނުންވާ ނަމަ ލޯނުތައް ވެސް ނަގަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ ރޭ މާލޭގައި ޕީޕީއެމުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް 1.2 ބިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ ފަސޭހަކަމެއް ނޫން ކަމަށާއި ރިސްކް ބޮޑު ކަމެއް ކަމަށެވެ.
އެހެން ނަމަވެސް 1.2 ބިލިއަން ޑޮލަރު ނަގައިގެން ކުރާ މަސައްކަތުން އެ ލޯނު އަނބުރާ ދެއްކޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ ބޮލުގައި ދަރަންޏެއް ނާޅުވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.
"އަޅުގަނޑުމެން ވެސް މި ބަވަނަވެފައިވާ ދުނިޔޭގައި އުޅެން ބޭނުންވާނަމަ ހޮރުން ނިކުންނަން އެބަޖެހޭ، ހޮރުގަ ތިބެގެނެއް އަޅުގަނޑުމެންނަށް ބޭރުގަ ހިނގާ ކަންކަމެއް ނުފެންނާނެ، އަދި ހޮރުން ނިކުމެގެން ނޫނީ ބޭރުގަ ދުވާ ކަކުނިތަކާ އެއްވަރަށް ދުވެވޭނެ ގޮތެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ލޯނުތައް ނެގުމާއި ގުޅޭ ގޮތުން މިސާލު ޖައްސަވައި ރައީސް ވިދާޅުވީ، " ހޮރުން ނިކުމެގެން ނޫނީ ބޭރުގަ ދުވާ ކަކުނިތަކާ އެއްވަރަށް ދުވެވޭނެ ގޮތެއް ނޯންނާނެ،" ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މިހާރު ބޮޑެތި ލޯނުތައް ނަގައިގެން މަޝްރޫޢުތައް ހިންގަނީ ރާއްޖެއަކީ އަބަދު ސަލާން ޖަހައިގެން ކަންކަން ކުރާނެ ގައުމަކަށް ކުރިއަށް އޮތްތާ ނުހެދުމަށް ކަމަށެވެ.