Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ޔާމީނަށް ނޫނެކޭ ބުނެ މާދަމާ ވޯޓްލާން އާދޭސް ކުރަން: މަހްލޫފް

މާދަމާ ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބުގައި ވީހާވެސް ގިނަ ރައްޔިތުން ވޯޓުލާން ދިއުމަށާއި ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އާދޭހާއެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ގޮވާލައިފިއެވެ.

ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މަހްލޫފް ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ މިއަދު މިދިވެހި ގައުމު ވެއްޓިފައިވާ ދަނޑިވަޅުން ސަލާމަތްކޮށްދިނުމަށް މާދަމާ ނެގޭ ވޯޓަކީ އިންތިހާއަށް މުހިއްމު ވޯޓެއް ކަމަށެވެ.

އިތުބާރު ގެއްލިފައިވާ އިލެކްޝަންސް ކޮމިޝަނުން ވޯޓުގެ ނަތީޖާ ގަޑުބަޑު ކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ރައްޔިތުން ނިކުމެ ވޯޓު ފޮށިތައް ފުރާލައިފިނަމަ އެމީހުންގެ މަސައްކަތް ނާކާމިޔާބުވެ ރައީސް ޔާމީނަށް މިގައުމުގެ ރައްޔިތުންގެ ބަސް އިވިގެންދާނެ ކަމަށް މަހްލޫފު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު ލީޑަރުން ތައްޔާރުވަމުން އަންނައިރު މާދަމާ ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބު އިދިކޮޅު ކެންޑިޑޭޓުން ކާމިޔާބުކުރުން ވާނީ ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސް ކަން ގާއިމުކުރުމަށް އެޅޭ ބާރެއް ކަމަށްވެސް މަހްލޫފު ވިދާޅުވެފައިވެއެވެ.

މަހްލޫފްގެ ބަޔާނުގައި އަވަހާރަކޮށްލާފައިވާ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، ޑރ. އަފްރާޝީމް އަލީ އާއި ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިޟްވާން އަދި ދާދި ފަހުން މަރާލާފައިވާ ޔާމީން ރަޝީދުއަށް މިސަރުކާރުގައި އިންސާފު ލިބިފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި ތުއްތު އިބްތިހާލުގެ މަރަށް އިންސާފު ލިބިފައިނުވާއިރު މިސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މަރާލާފައިވާ 24 ދިވެހި ދަރިންގެ ގާތިލުންނަށް އަދަބު ދީފައިނުވާ އިރު ސިޔާސީ ލީޑަރުން ފަޓާސްބަރިއެއްހާ ހަލުވި މިނުގައި ނިންމައި ޖަލަށް ލަމުންދަނީ އިންސާފެއް ނެތި ކަމަށް މަހްލޫފް ފާޙަގަކޮށްފައިވެއެވެ.

ގައުމު މިހާލަތަށް ވެއްޓިފައިވާއިރު މާދަމާ ބޭއްވޭ އިންތިޚާބަކީ ކުޑަ އިންތިޚާބެއް ކަމަށް ނުދެކުމަށް މަހްލޫފް ވަނީ ގޮވާލާފައެވެ. ކޮންމެ ރައްޔިތަކުވެސް ވޯޓު ލުމަށް ވަޑައިގެން ފެއިލްވެފައިވާ ސަރުކާރަށް ނޫނެކޭ ބުނުމަށް އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް މަހްލޫފް ވަނީ ތަކުރާރުކޮށް އާދޭހާއެކު ގޮވާލާފައެވެ.