Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ސައުދީން އަގު ހެޔޮކޮށް ތެޔޮ ލިބޭނެ، ކަރަންޓްގެ އަގުހެޔޮ ވާނެ: ރައީސް

ސައުދީ ސަރުކާރުގެ ތެޔޮ ކުންފުނި އަރަމްކޯ އިން ހެޔޮ އަގުގައި ރާއްޖެއަށް ތެޔޮ ލިބެން ފެށުމުން ކަރަންޓްގެ އަގު ބޮޑުތަން ހެޔޮވެގެންދާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބްގެ ކުރިން ރޭ މާލޭ ސިނާއީ ސަރަހައްދުގައި ޕީޕީއެމް އިން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސައުދީ ސަރުކާރާއި، ދިވެހި ސަރުކާރާއި ދެމެދު މިހާރު އޮތީ ވަރަށް ގާތްގުޅުމެއް ކަމަށާއި، އެގުޅުމުގެ ތެރެއިން ސައުދީގެ ގައުމީ ތެޔޮ ކުންފުނިން ސާފު ނުކުރާ ތެޔޮ ހެޔޮ އަގެއްގައި ލިބޭނެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ސައުދީ ސަރުކާރުން ވަރަށް އަވަހަށް ސޮއި ކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރުވެސް އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަހީރު ހުންނެވީ އެމަސައްކަތުގައި ސައުދީގެ ރިޔާޟުގައި ކަމަށެވެ.

"މީގެ ކުރިން ސައުދީ ރަސްގެފާނުގެ އަރިހުގައި އަޅުގަނޑު އެތައް ފަހަރަކު ދަންނަވައިގެން ސައުދީ ނޭޝަނަލް އޮއިލް ކުންފުނި އަރަމްކޯ ކޯއިން އަޅުގަނޑުމެނަށް ސާފުނުކުރާ ތެޔޮ، ކުރުޑް ތެޔޮ ދޭން އޮތީ އެއްބަސްވެފައި، އެކަން ވެއްޖެ ނަމަ އަޅުގަނޑުމެންނަށް ތެލުން އުފައްދާ އެއްޗިހީގެ އަގު ހެޔޮކުރެވޭނެ. އަޅުގަނޑުމެންގެ ކަރަންޓް އަގުހެޔޮކުރެވިގެން ދާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދެވީ އެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ކަރަންޓްގެ އަގުހެޔޮވާނެ ކަމަށް ސަރުކާރު ބުނެފައިވާ އިރު ފާއިތުވި ދުވަސްތަކުގައި ކަރަންޓްގެ އަގުވަނީ ބޮޑުވެފައެވެ. އެކަމުގެ ޝަކުވާ އާއްމު ރައްޔިތުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.