Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

މާމަގެ މޫނު ދެކޭނެ ފުރުސަތެއް ވެސް ނުލިބޭ: ޖަމީލް

މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ނައިބު ރައީސް ކަމުން ވަކިވި ފަހުން ދިމާވި ދަތިތަކާއި ކުރަމަތިލާން ޖެހުނު ހިތްދަތިކަމުގެ ވާހަކަތައް ބަޔާން ކުރައްވައިފިއެވެ.

ސޯޝަލް މީޑިޔާ މެދުވެރިކޮށް ޑރ. ޖަމީލް ވިދާޅުވެފައިވަނީ އެންމެ ދެރަވީ މާމަ ނިޔާވި ދުވަހު މާމަގެ މޫނު ދެކުމަށް ރާއްޖެ އަންނާނެ ފުރުސަތުވެސް ނުލިބުމުން ކަމަށެވެ.

އެހެން ގައުމެއްގައި އަމިއްލައަށް އަރުވާލެވިގެން ހުންނަވަން މަޖުބޫރުވެފައިވަނީ ދޮގު އިލްޒާމްތަކެއް ބޮލުގައި އެޅުވުމަށްފަހު މުޅި ރާއްޖޭގެ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރި މަގާމަކުން ދުރުކުރުމަށްފަހު ކަމަށް ޖަމީލް އަސަރާއެކު ވިދާޅުވެފައިވެއެވެ.

އަދި ރާއްޖެ ދޫކޮށް ދިއުމުން ޖަމީލްގެ ކުދިން އެއް އަހަރު ދުވަސް ވަންދެން ސްކޫލަށް ނުގޮސް ތިބެން ޖެހުނު ކަމަށްވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް މިހުރިހާ އަނިޔާއެއް ތަޙައްމަލް ކޮށްގެން ހުރީ ކޮންމެ ކަމެއްގައިވެސް މާތްﷲ މަތިވެރި ޙިކުމަތްތަކެއް ލައްވާފައިވާ ކަން ދަނެގެން ކަމަށެވެ.

ރައީސް ޔާމީން ވެރިކަމަށް އިންތިޚާބުކުރުމަށް ބުރަކޮށް މަސައްކަތް ކުރި ކަމަށާއި އޭރުވެސް، އަދި މިއަދުވެސް މަސައްކަތް ކުރަނީ ގައުމަށް ހެޔޮ ގޮތް ހޯދުމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ. ނަމަވެސް އޭނާ ކުރި މަސައްކަތު އަގު ވަޒަން ނުކުރެވި ޕީޕީއެމްގެ މެމްބަރުން ވަނީ ޖަމީލް މަގާމުން ދުރުކުރުމަށް މަސައްކަތް ކޮށްފައެވެ.

މެމްބަރުން އޭރު ހެދި ގޯހުގެ ނަތީޖާ މިއަދު މުޅި ދިވެހި ގައުމު ތަހައްމަލް ކުރަމުންދާ ކަމަށާއި، ނަމަވެސް މިއީ ފަހަތް ބަލަންވީ ވަގުތު ނޫން ކަމަށް ޖަމީލް ވިދާޅުވިއެވެ. ދިވެހި ގައުމު ހަމައަކަށް އެޅުވުމަށް މާދަމާ ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރާއި ދެކޮޅަށް ވޯޓު ދީ، ސަރުކާރަށް މެސެޖެއް ދިނުމަށް ޖަމީލް ވަނީ ގޮވާލާފައެވެ.