Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ރައީސަށް ވުރެ ކުރިއަރައިގެން ދާ ނަމަ ދަތި އެޅުވޭނެ: ޔާމީން

ރައީސް ޔާމީން އާއި އަހްމަދު އަދީބް.

ރައީސަށް ވުރެ ކުރިއަރައިގެން ނައިބް ރައީސުން ދާން މަސައްކަތް ކުރީމަ ފަހަރުގައި ދަތިއެޅުވޭ ގޮތްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތުހާބްގެ ކެމްޕެއިން ނިންމަވާލެއްވުމުގެ ގޮތުން މާލޭ ސިނާޢީ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައީސްގެ ފަހަތްޕުޅުގައި ތިއްބަވައިގެން މަސައްކަތް ކުރާނަމަ، އަލިރަސްގެފާނަށް ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލާންޖެހުނު ހިތްދަތިކަން ތަޖުރިބާ ކުރަންޖެހިދާނެ ކަމަށެވެ. އަދި ރައީސަށް ވުރެ ކުރިއަރައިގެން ދާން އުޅުނީމާ ފަހަރުގައި ދަތި އެޅުވޭ ގޮތްވާ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ރައީސް އާއި އެއްވަރަކަށް ދަތުރު ކުރެއްވުން ކަމަށެވެ.

"އަލީ ރަސްގެފާނު ނިކުމެވެޑައިގަތީ ލަސްކަރަކާ އެކު. ހަނގުރާމައިގައި އެ ވަޑައިގަންނަވަންވާ ހިސާބަކަށް ވަޑައިގެން އެ ބުރި ބައްލަވާލެއްވިއިރު ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުން ފަހަތް ޕުޅުގައެއް ނެތް، ރައީސަށް ވުރެ މާ ބާރަށް ކުރި އަރައި ދާން މަސަތްކަތްކުރީމަ ވެސް ނައިބު ރައީސުން ވެސް މަސަތްކަތް ކުރީމަ ފަހަރުގައި ހުރޭ ހަމަ ދަތި އެޅުވޭ ގޮތް ދެއްތޯ. އެހެންވީމަ ބާރަށް ދިއުމަކީ ރައީސަށް ވުރެން ކުރިއަށް ދިއުމަކީ ވެސް ތައްކަތު ކަމެއް ނޫން. ރައީސްގެ ފަހަތުގައި ތިބުމަކީ ވެސް ތައްކަތު ކަމެއް ނޫން. ހަމަ އެންމެ ރަނގަޅު ގޮތަކީ ރައީސާ އެކީ ދިއުން. އަޅުގަނޑުމެން އެކުގައި ދެއްތޯ ތަރައްގީ ކުރާނީ،"

ރައީސް މިފަދައިން ވާހަކަފުޅު ދެއްކެވި އިރު އެމަނިކުފާންގެ ފުރަތަމަ ނައިބް ރައީސް ޑރ. ޖަމީލް ވަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި މަގާމުން އަޒަލުކޮށްފައެވެ. ޖަމީލް ވަނީ އަމިއްލައަށް ގައުމުން އަރުވާލެވިގެންނެވެ.

އަދި އޭގެ ފަހުން މަޖްލިސްއިން ހޮވި ނައިބް ރައީސް އަހްމަދު އަދީބް ވަނީ ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގާމުން އަޒަލުކޮށް ޖަލަށް ހުކުމްކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ތިންވަނަ ނައިބް ރައީސް ކުރީގެ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދުގެ މާބޮޑު ދައުރެއް މިހާރުގެ ސަރުކާރުގެ ތެރެއިން ނުފެނެއެވެ.