Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ނާޒިމްގެ އިލްތިމާސް: އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދީ

މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ސަރުކާރާއި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ގޮވާލައްވައިފިއެވެ.

ކާނަލް ނާޒިމް މިގޮތަށް ގޮވާލައްވާފައި މާފުށީ ޖަލުގައި ހުންނަވައިގެން ނެރުއްވި ބަޔާނެއްގައެވެ.

މީގެ ކުރިން އެލްޖީއޭގެ ރައީސްކަން ވެސް ކުރައްވާފައިވާ ނާޒިމްގެ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކާއި މުދަލާއި ކާޑުގެ އަގުތަކާއި ޓެކުހާއި ޑިއުޓީތައް ބޮޑުކޮށް ރައްޔިތުން ބަނޑަށް ޖައްސާފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން ސަރުކާރުގެ މައްޗަށް ބޮޑެތި ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާއިރު އޭގެ ތެރެއިން އެއްވެސް ކަމެއް އިންސާފުގެ މަގުން ތަހުގީގް ކުރެވިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

މިވޯޓަކީ ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ދެވޭ ވޯޓެއް ކަމުގައި ހެއްދެވުމަށް ހުރިހައި ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން އަދަބުވެރިކަމާއި އެކު އެދެމެވެ.

ނާޒިމްގެ ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ލީޑަރުން ހައްޔަރުކޮށް ނުހައްޤުން ދައުވާކޮށް އަނިޔާ ދެމުން ގެންދާ ކަމަށާއި ލާމަރުކަޒީ ނިޒާމު ހަލާކުކޮށް ކައުންސިލްތަކުގެ ހުރިހާ ބާރެއް ސަރުކާރުގެ މުށުތެރެއަށް ލަމުން ގެންދާ ކަމަށެވެ.

ކާނަލް ނާޒިމް ނެރުއްވި ބަޔާން.

މީގެ އިތުރުން މިވޯޓަކީ ސަރުކާރުގެ ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ބޭއިންސާފާއި ދެކޮޅަށް ރައްޔިތުން ތިބިކަން ބައިނަލްއަޤްވާމީ މުޖްތަމަޢް އަށް ދެއްކުމަށް އޮތް ރަނުގެ ފުރުސަތެއް ކަމަށް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ދިވެހި ހުރިހާ ރައްޔިތުން އަނިޔާވެރިކަމާއި ބޭއިންސާފާއި ދިވެހި ގައުމު ވިއްކާލުމަށް ނޫނެކޭ ބުނެ 6 މެއި 2017 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓު އިދިކޮޅު އިއްތިހާދާއި އަދި ސަރުކާރަށް ތާއީދު ނުކުރާ އަމިއްލަ މެންބަރުންނަށް މެނުވީ ވޯޓު ނުދެއްވުމެވެ." ނާޒިމްގެ ބަޔާނުގައި ބުނެފައިވެއެވެ.