ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އިތުރު ހަތަރު ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ގާސިމް އިތުރު ހަތަރު ދުވަހަށް ބެހެއްޓުމަށް އަމުރު ކުރީ އެމަނިކުފާންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ހަވީރު 4:30ގައި ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބޭއްވި ޝަރީއަތުގައެވެ.
ގާސިމް ހައްޔަރުކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 20 ވަނ ދުވަހުގެ ރޭ ދަންވަރު އެމަނިކުފާންގެ ގެކޮޅު މާފަންނު ވިލާގައި ހުންނަވަނިކޮށެވެ.
ގާސިމް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ
"ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެންބަރުންގެ ސޮޔާއި އެކު ކަމަށް 10 އޭޕްރީލް 2017 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ގާސިމް އިބްރާހީމް މަޖިލީހުގެ އެކި މެންބަރުންނަށް އެކިގޮތްގޮތުން ނުފޫޒު ފޯރުވާ ގާނޫނާ ހިލާފަށް މަސައްކަތްތަކެއް ކުރަމުންދާ ކަން ތުހުމަތުކުރެވޭތީއާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށް ރައްޔިތުންގެ މެދުގައި ފިތުނައާއި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭތީއާއި ގާސިމް އިބްރާހީމް އިސްވެ ހުންނަވައިގެން ކ. މާލެ / މ. ކުނޫޒުގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެކަންކަމަށް ބާރު ލިބޭ ފަދަ މޭރުމަކުން ވާހަކަދައްކަމުންދާތީއާއި، މިކަންތައްތަކަކީ މިހާރު ތަހުގީގުކުރަމުންދާ ކަންތައްތަކެއް ކަމަށްވާތީ ގާސިމް އިބްރާހީމް މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މިކަންކަމާ ގުޅޭގޮތުން ލިބެންހުރި ހެކި ފޮރުވާ އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ އެހެކި ނައްތާލުމަށް ފުރުސަތު ތަނަވަސްވެގެންދާނެ ކަމެއް ކަމަށާއި އަދި ގާސިމް އިބްރާހީމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ފެންނާތީ"
ގާސިމް އިތުރު ހަތަރު ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ނަމަވެސް އެމަނިކުފާންގެ ބަންދުގައި ހުންނަވާއިރު ސިއްހީ ހާލުކޮޅު ރަނގަޅަށް ބެލުމަށާއި ބޭނުންވާ ސިއްހީ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްތައް ހަމަޖައްސާފައި ބެހެއްޓުމަށް ގާޒީ ވަނީ އެދިވަޑައިގެންފައެވެ.