Last Updated: July 3, 06:26
Friday, July 3, 2026
ޚަބަރު

އައްޑޫގެ ވޭސްޓް މެނޭޖް ކުރާނެ ފަރާތެއް ހޯދަނީ

އައްޑޫގެ ކުނިގޮނޑު: ކުނި މެނޭޖް ނުކުރެވޭ މައްސަލަ ބޮޑު. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫގެ ވޭސްޓް މެނޭޖް ކުރާނެ ފަަރާތެއް ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

ކައުންސިލަރ އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވީ ކައުންސިލުން އައްޑޫގެ ވޭސްޓް މެނޭޖް ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފެށީ އެ ކަމަށް އެދި ބައެއް ފަރާތްތަކުން ކައުންސިލާ މަޝްވަރާ ކުރަމުން އަންނާތީ އެވެ.

"އަޅުގަނޑު މެންނަށް ދޭތެރެ ދޭތެރެ އިން އެބަ ހުށަހެޅޭ އައްޑޫގެ ވޭސްޓް މެނޭޖް ކުރުމުގެ ޝައުގު ހުރި ފަރާތްތައް. އަނެއް ކޮޅުން ކައުންސިލުން ވަރަށް ހާއްސަ އިސްކަމެއް ދެމުން އަންނަ ކަމެއް ކުނި ދެމެހެއްޓެނިވި ގޮތަކަށް ކުނި ނައްތާލެވޭނެ ނިޒާމެއް މި ސިޓީގައި ގާއިމް ކުރުމަކީ." އޭނާ ވިދާޅުވި އެވެ.

ތޮއްޔިބް ވިދާޅުވީ ދާދި ފަހުން ތައިލެންޑްގެ ވޭސްޓް މެނޭޖް ކުރާ ބަޔަކު ކައުންސިލާ ބައްދަލުކޮށް އެ މީހުންގެ ދައުވަތަކަށް ކައުންސިލަރުންގެ ޓީމެއް ތައިލެންޑަށް ޒިޔާރަތްކޮށް އެތަނުގެ ވޭސްޓް މެނޭޖް ކުރާގޮތް ބަލައި ދިރާސާކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ކުނިން ހަކަތަ އުފެއްދޭނެ ނިޒާމެއް ގާއިމް ކުރުން، އަދި މީގެ ތެރެއިން ބައެއް ކުނިން ގަސް ކާނާ އުފައްދައި މި ސިޓީގެ ދަނޑުވެރިންނަށް ފޯރުކޮށް ދިނުން،" އޭނާ ވިދާޅުވި އެވެ.

ތޮއްޔިބް ވިދާޅުވީ "ރުއްޖެހެރަ" ތެރޭގައި މިހާރު އޮތް ކުނި ގޮޑު އެހެން ތަނަކަށް ބަދަލު ކުރަން ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން ވޭސްޓް މެނޭޖް ކުރަން ހަވާލުވާ ފަރާތަކުން އެ ކުނި ގޮޑު އެހެން ތަނަކަށް ބަދަލުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުނި ގޮނޑު ބަދަލު ކުރުމަށް ކައުންސިލުން ހަމަޖައްސާފައި ވަނީ އާރްއޭފް އިންޖީނުގޭގެ ފުރަގަހުން އެކަމަށް ހާއްސަކޮށްފައިވާ ބިމަކަށެވެ.

މިކަމާ ގުޅިގެން ކައުންސިލުން އިއްޔެ ވަނީ ވޭސްޓް މެނޭޖް ޕްލޭނެއް ހަދާނެ ފަރާތެއް ހޯދުމުގެ އިއްލާންވެސް ކޮށްފަ އެވެ.
އެގޮތުން އިއުލާންގައި ވަނީ މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތަކުން މި މަހުގެ 27 ވަ ބުދަދުވަހު މެންދުރު 14:00 އަށް ކައުންސިލް އިދަރާ އަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ފަހު 5 މާޗް ވާ އަންގާރަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފަ އެވެ.