ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ ގެސްޓް ރޫމެއްގެ ތެރޭގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާގޮތުގައި ރިސޯޓުގައި ހަނީމޫން ހޭދަކުރަމުން ދިޔަ އުމުރުން 30 އަހަރުގެ އަންހެން ފަތުރުވެރިއެކެވެ.
ޝަންގްރިއްލާއިން ވާހަކަ ދެއްކި މީހަކު ބުނީ އެދެމަފިރިން ރިސޯޓަށް އައިސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެމީހާއަކީ އަރަބި ގައުމަކަށް ނިސްބަތްވާ ފަތުރުވެރިއެއްކަމަށެވެ.
ޝަންގްރިއްލާ ރިސޯޓުގައި މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު ރިސޯޓުން ގެނައީ ފޭދޫ ސިއްހީ މަރުކަޒަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފަތުރުވެރިޔާ މަރުވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި ޝަންގްރިއްލާ ރިސޯޓުގައި މަރުވެފައި އޮތް ޓޫރިސްޓަކު ފެނިގެން ރިސޯޓުން ފުލުހުންނަށް އެންގީ މިރޭ 7:17 ހާއިރު ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.