ރާއްޖޭގައި ބާއްވާ ތިން ވަނަ ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާ އިރު މި ފަހަރުގެ އިންތިހާބްގައި އައްޑޫ ސިޓީ ކައުންސިލްގެ 7 ގޮނގޮޑިއަށް 19 ކެންޑިޑޭޓަކު ވަނީ ކުރިމަތިލައިފަ އެވެ.
ވެރިކަން ކުރާ ޕީޕީއެމްއިން 7 ކެންޑިޑޭޓަކު ވާދަ ކުރާ އިރު އިދިކޮޅު އެމްޑީޕީން ވަނީ 7 ކެންޑިޑޭޓަކު ނެރެފަ އެވެ. ފަސް ކެންޑިޑޭޓަކު އަމިއްލަ ގޮތުން ވާދަ ކުރާ އިރު ވޯޓްލުމަށްޓަކައި އިލެކްޝަނުން ވަނީ އައްޑޫގައި 31 ވޯޓު ފޮއްޓެއް ބަހައްޓައިފަ އެވެ.'
މިއަދު ހަވީރު 4:00 އާ ހަމައަށް ވޯޓް ލުން ކުރިއަށް ދާނެ އެވެ.

މި ފަހަރުގެ ކައުންސިލް އިންތިހާބްގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 23،012 މީހުން އެ ބަތިއްބެވެ.
- އިންތިހާބްގައި މުޅި ރާއްޖޭން 1،483 ކެނޑިޑޭޓުން ވާދަ ކުރޭ
- އިންތިޚާބު ކުރާނީ ޖުމްލަ 664 ކައުންސިލަރުން
- ވޯޓް ލުމުގެ ހައްގު ލިބިފައިވާ 255،987 މީހުންނަށް
- އަލަށް 16،000 އަށް ވުރެ ގިނަ ޒުވާނުން ވޯޓް ލާނެ
- ވޯޓް ލާން ރީ-ރަޖިސްޓްރީކޮށްފައި ވަނީ 45،745 މީހުން
- ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 420 އަދި ލަންކާގައި 2 ފޮށި
އައްޑޫގައި ވޯޓް ލުން ކުރިއަށްދާ ގޮތަށް ބަލާ އިރު، ވޯޓްލުމުގެ ފޯރި އެހެން އިންތިހާބުތަކާ އަޅާބަލާ އިރު ކުޑަކަން ފާހަގަ ކުރެވެ އެވެ. ވޯޓްލާން މިހާތަނަށް ނިކުތް މީހުންނަށް ބަލާ އިރު، ނިސްބަތުން އަދި އެހާ ގިނަ ނޫންކަން ފާހަގަ ކުރެވެ އެވެ.
އެހެން ނަމަވެސް އިންތިހާބުގައި ވާދަ ކުރާ މައި ދެ ޕާޓީ ކަމަށްވާ ޕީޕީއެމާއި އެމްޑީޕީން އަންނަނީ އެ ޕާޓީގެ މެމްބަރުން ވޯޓްލާން ނެރުމަށް ބާރު އަޅަމުންކަން ފާހަގަ ކުރެވެ އެވެ. އެކަމަކު އާންމުންގެ މެދުގައި ހީކުރި ވަރަށް ވޯޓްގެ ފޯރި ކުޑަކަން ފާހަގަ ކުރެވޭ ކަމަށް ޕާޓީތަކުން ބުންޏެވެ.