Last Updated: June 30, 07:10
Tuesday, June 30, 2026
ޚަބަރު

ފިލާވަޅު ދަސްކުރަން އެންމެ ރަނގަޅު ވަގުތަކީ ކޮބާ؟

ފިލާވަޅު ދަސްކުރަން އެންމެ ރަނގަޅު ވަގުތަކީ ކޮބައި ކަމާއިމެދު ގިނަ ދަރިވަރުން ވިސްނާނެ އެވެ. ފިލާވަޅު ދަސްކުރަން އެންމެ ރަނގަޅީ ރޭގަނޑުތޯ އެހެންނޫނީ ދުވާލު ތޯއެވެ؟

އެންމެންނަށްވެސް ހީވަނީ ފިލާވަޅު ދަސްކުރަން އެންމެ ރަނގަޅު ވަގުތު ތިމާއަށް އެނގޭހެންނެވެ. އެކަމަކު ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެހެންކަމުން ސައިންސްވެރިންގެ ނަޒަރުން ބަލާއިރު ރަނގަޅު ވަކި ގޮތެއް ނެތެވެ. ބައެއް މީހުންނަށް ފިލާވަޅު ދަސްކުރަން އެންމެ ފަސޭހައީ ރޭގަނޑު ކަމުގައި ވީއިރު، އަނެއްބައި މީހުންނަށް ފަސޭހައީ ހެނދުނު ނުވަތަ މެންދުރު ނުވަތަ ހަވީރު ފިލާވަޅު ފަސްކުރަންށެވެ.

ތިރީގައި މިވަނީ ދުވާލާއި ރޭގަނޑު ފިލާވަޅު ދަސްކުރުމުގެ ފައިދާތައް ވަކިވަކިންނެވެ.

ދުވާލު ފިލާވަޅު ދަސްކުރުމުގެ ފައިދާތައް:

  1. ރޭގަނޑު އަރާމު ރަނގަޅު ނިންޏެއް ލިބުމަށްފަހު، އަނެއް ދުވަހު ކަންކަމަށް ސަމާލުކަން ދީ ފިލާވަޅު ދަސްކުރަން ހަށިގަނޑުގައި ގިނަ ހަކަތަ ހުންނާނެ އެވެ.

  2. މުޖުތަމަޢު ހިނގާ ގޮތަކީ ދުވާލު ގަޑީގައި މަސައްކަތް ކޮށްފައި ރޭގަނޑު ނިދާ ގޮތަށެވެ. އެހެންކަމުން އެގޮތަށް ދަރިވަރުވެސް ޢަމަލު ކުރުމުން، ބުކްޝޮޕަށާއި ލައިބްރަރީ އަށް ދިއުން ފަދަ ފަސޭހަތައް ލިބިގެންދެއެވެ.

  3. ގިނަ މީހުންނާއި ގުޅޭނީ ދުވާލު ގަޑީގައެވެ. އެހެންކަމުން ފިލާވަޅު ދަސްކުރާއިރު އެއްވެސް ސުވާލެއް ރައްޓެހިން ނުވަތަ މުދައްރިސުން ކައިރިން އަހަން އޮތިއްޔާމު، ދުވާލު ގަޑީގައި އެހުން ފަސޭހަވާނެ އެވެ.

  4. ޤުދުރަތީ އައްޔަކީ ލޮލަށް ރަނގަޅު އައްޔެކެވެ. އާޓިފިޝަލް އަލީގެ ސަބަބުން ލޮލަށް އުނދަގޫވެ، ޤުދުރަތީ ނިދުމުގެ އާދަތައް ބަދަލުވެގެން ދެއެވެ. އެހެންކަމުން ދުވާލު އިރުގެ އަލި ލިބޭ ވަގުތު ކިޔެވުން ބުއްދިވެރި އެވެ.

ރޭގަނޑު ފިލާވަޅު ދަސްކުރުމުގެ ފައިދާތައް:

  1. ދުވާލު ގަޑީގައި މީހުން މާބޮޑަށް ހަލަބޮލިވެ އަޑުގަދަ ވާނެއެވެ. ރޭގަނޑު އެންމެން ނިދާފައި ތިބޭ ގަޑީގައި މަޑުމައިތިރި ހަމަހިމޭން މާހައުލެއްގައި ފިލާވަޅު ދަސްކުރެވޭނެ އެވެ.

  2. ރޭގަނޑު ލަސްވަންދެން ހުޅުވާފައި ހުންނަ ލައިބްރަރީއެއް ގޭގެ ކައިރީގައި ހުންނަނަމަ، ރޭގަނޑު ދަންވަރު ފިލާވަޅު ދަސްކުރަން ބޭނުންވާއިރު ލައިބްރަރީގައި ވެސް މީހުން އެހާ ގިނައިން ނުތިބޭނެ އެވެ.

  3. ރޭގަނޑު ގަޑީގައި ތިމާގެ ސަމާލުކަން ނަގައިގަންނަ ކަންތައްތައް މަދުވާނެ އެވެ. ގިނަ ރައްޓެހިން ތިބޭނީ ނިދާފައެވެ. އެހެންކަމުން ސޯޝަލް ނެޓްވޯކްތައް ރޭގަނޑު ގަޑީގައި އެހާ އެކްޓިވް އެއް ނުވާނެ އެވެ.

  4. ރޭގަނޑު އެއްޗެހި ފެންނަލެއް ތަފާތު ވާހަކަ އަކީ ތެދެކެވެ. އެހެންކަމުން ރޭގަނޑު ކިޔަވާނަ، ކޮންސެޕްޓްތައް އެހެން ގޮތަކަށް ދެނެގަނެ، ސިކުނޑިއަށް ނަގައިގަންނަން ފަސޭހަވާނެ އެވެ.

ރޭގަނޑު ފިލާވަޅު ދަސްކުރަން ފަސޭހަކޮށްދޭ ބައެއް ކަންތައްތައް:

  1. ރޫޓިން އެއް ހަދާ: ރޭގަނޑު ކިޔަވަން ބޭނުންނަމަ، ހާލަކުން ފަހަރަކު އެހެން ނުހަދާ ޤަވާއިދުން ރޭގަނޑު ފިލާވަޅު ދަސްކުރަން އާދަ ކުރާށެވެ. އެއިރުން ހަށިގަނޑު އެބަދަލަށް އާދަވެ، އެންމެ ރަނގަޅަށް ފިލާވަޅު ދަސްކުރެވޭ މިންވަރަށް ސިކުނޑި ހުންނާނީ އެގަޑީގައި އެކްޓިވް ވެފައެވެ. ބައެއް ދުވަސްދުވަހު ދުވާލު ކިޔަވާފައި އަނެއްބައި ދުވަސްދުވަހު ރޭގަނޑު ކިޔަވާނަމަ، ހަށިގަނޑަށް ވަރަށް ނޭދެވޭ އަސަރުތައް ކުރާނެ އެވެ. ކޮންމެވެސް އެއް ގަޑިއެއްގައި ހިފަހައްޓާށެވެ.

  2. އަރާމް ކުރޭ: ރޭގަނޑު ކިޔެވުމުގެ މާނައަކީ މަދުން ނިދާށެކޭ ނޫނެވެ. ސިކުނޑިއަށް ބޭނުންވާ މިންވަރަށް އަރާމް ލިބިގެން ނޫނީ އެންމެ އެދެވޭ މިންވަރަކަށް ނުކިޔެވޭނެ އެވެ. އެހެންކަމުން ދުވާލު ގަޑީގައި ކޮންމެވެސް ވަރަކަށް ނިދާށެވެ.

  3. ލައިޓިން: ރޭގަނޑު ފިލާވަޅު ދަސްކުރާނަމަ، ކޮޓަރި އެކަށީގެންވާ މިންވަރަށް އަލިގަދަ ވާން ވާނެ އެވެ. އެއިރުން ފިލާވަޅު ދަސްކުރަން ފަސޭހަވާނެ އެވެ.

  4. ވަގުތު މެނޭޖްކުރުން: ރޭގަނޑު ކިޔަވާއިރު، ވަގުތު ދާގޮތެއްވެސް ނޭނގޭނެ އެވެ. އެހެންކަމުން ކިޔަވަން ވަކި ތާވަލެއް ރާވައި، އެ ތާވަލުގައި ބްރޭކް ނަގަން ވަގުތު ދޭން ހަނދާން ކުރާށެވެ. އެންމެ އެދެވިގެންވާ ގޮތަކީ ކިޔަވާ ކޮންމެ 50 މިނެޓަކަށް ފަސް މިނެޓް ނުވަތަ 10 މިނެޓްގެ ބްރޭކެއް ނެގުމެވެ. މީގެ އިތުރުން އަބަދުވެސް ފެން ބޯން ހަނދާން ކުރަން ވާނެ އެވެ.

  5. މިއުޒިކް: ރޭގަނޑު ކިޔެވުމުގެ އެންމެ ބޮޑު އެއް ފާއިދާ އަކީ މީހާގެ ކްރިއޭޓިވިޓީ ލެވެލް އިތުރުވުމެވެ. ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި ކްރިއޭޓިވިޓީ ލެވެލް އެންމެ ބޮޑަށް ކުރިއަރަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. އެހެންކަމުން ގިނަ އާޓިސްޓުންނަކީ ރޭގަނޑު މަސައްކަތް ކުރާ މީހުންނެވެ. ކްރިއޭޓިވިޓީ ކުރިއެރުވޭނެ އެންމެ ރަނގަޅު އެއް ގޮތަކީ ކިޔަވާއިރު އެންމެ ގަޔާވާ ނުވަތަ ހިތްވަރު ލިބޭފަދަ މިއުޒިކް އަޑުއެހުމެވެ.