ކުރިއަށް އޮތް ތަނުގައި އައްޑޫގެ މެޖޯރިޓީ ޕާޓީއަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ކަމަށް ހައްދަވާނެ ކަމަށް އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމްދީދީ ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާ އެކު ދާދި ފަހުން އައްޑު އަށް ވެސް ވަޑައިގެންނެވި އަައްޑު އަށް ނިސްބަތްވާ ޑރ. ޑީޑީ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ޕާޓީގެ ހަރަކާތްތަކުން ފެނިގެންދިއުން މަދުވީ ސިއްހީ ދާއިރާ އަށް އޭނާގެ އެހީތެރިކަން އިންތިހާއަށް ބޭނުންވުމުން އެކަމަށް ވަގުތު ދިނުމަށް ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އޭނާ ފެންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް ކުރާ މަސައްކަތް ވަރުގަދަކޮށް، އައްޑުއަކީ އެ ޕާޓީގެ މެޖޯރިޓީ އޮތް ސަރަހައްދަކަށް ހައްދަވާނެ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.
ޑރ. ޑީޑީ ވިދާޅުވީ ޕާޓީގެ ހަރަކާތްތަކުން ފެނިގެން ދިއުން މަދުވި ނަމަވެސް ކުރިއަށް ދުވަސްތަކުގައި ޖޭޕީގެ ހަރަކާތްތައް މެކުހަށް ޖަހައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއާ އި އެޕާޓީގެ މެންބަރުންނާއި ދުރަށް ވަޑައިގަތުމަށް ނުވިސްނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ޑީޑީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ އަމިއްލަ މިލްކިއްޔާތު ހުސްކޮށްލައްވައިގެން ނަމަވެސް ރައްޔިތުންގެ ތަރައްޤީ އަށް މަސައްކަތް ކުރައްވާ އަދި ރައްޔިތުންގެ ހައްޤުތަކާއި އިހްސާސްތަކަށް އިހްތިރާމް ކުރައްވާ ބޭފުޅެއް ކަމަށެވެ.
"ޤާސިމް އިބްރާހިމަކީ އެ މަނިކުފާނު ވައުދެއް ވެވަޑައިގެންފި ނަމަ އެކަމެއް ފުއްދަވާ ދެއްވާނެ ބޭފުޅެއް. ދާދި ފަހުން އައްޑޫ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަޑައިގެންނެވި ކޮންމެ ތަނަކަށްވެސް އެހީތެރިކަން ފޯރުވައިދެއްވާފައިވޭ. އޭގެ ތެރެއިން ބައެއް ކަންކަން ކުރެއްވުމަށް އަމަލީ މަސައްކަތް މިހާ ރުވެސް ފައްޓަވާފައި ވަނީ،" އަންގާރަ ދުވަހުގެ މާލޭގައި ބޭއްވި ޖޭޕީގެ ޖަލްސާގައި ޑރ. ޑީޑީ ވިދާޅުވި އެވެ.