އިއްޔެ ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އިދިކޮޅު އެމްޑީޕީން ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ 7 ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓުން މި ފަހަރު ވެސް ކާމިޔާބުކޮށްފައި ވަނީ ވަރަށް ތަނަވަަސް އަޤްލަބިއްޔަތެއް ހޯދައިގެންނެވެ.
މިއީ މިއަދު އިންތިހާބުގެ ނަތީޖާއާ އެކު އައްޑޫ އިން ހާމަވެގެން ދިޔަ އެންމެ ފާހަގަކޮށްލެވޭ ހަތަރު ކަމެކެވެ.
1. އެމްޑީޕީ އަށް އައްޑޫގައި އޮތް ތާއީދު ބޮޑު

"އައްޑުއަކީ އެމްޑީޕީއެވެ. އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކަށް އައްޑޫގައި އިންތިހާބަކުން ކާމިޔާބެއް ނުހޯދޭނެއެވެ." މިއީ މިހާތަނަށް އައްޑޫގެ އެމްޑީޕީ މެންބަރުން ބުނަމުން އައި ވާހަކައެވެ. އެހެން ނަމަވެސް، ފަހަކަށް އައިސް ސަރުކާރުގެ އިސްވެރިންނާއި ޕީޕީޢެމް މެންބަރުން ބުނަމުން އަންނަނީ އައްޑޫގައި އެމްޑީޕީ "އުވިގެން ގޮސްފައިވާ" ކަމަށެވެ.
އެހެން ނަމަވެސް އިންތިހާބުގެ ނަތީޖާއިން ހާމަވެގެން ދިޔައީ އައްޑޫގައި އަދިވެސް ތާއީދު އޮތީ އެމްޑީޕީއަށް ކަމެވެ. އެމްޑީޕީން އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެޕާޓީގެ މެންބަރުން ބުނާ ގޮތުން "އެހެން ކެންޑިޑޭޓުން ކިހިލި ޖަހައިގެން"ނެވެ.
2. ބިރު ދައްކައިގެން ސޮއި ކުރުވިޔަސް ވޯޓެއް ނުދޭނެ!
މިފަހަކަށް އައިސް ޕީޕީއެމްގެ ފަރާތުން ބާއްވާ ހަރަކާތްތަކުގައި އައްޑޫގައި ތިބޭ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް "މަޖުބޫރު" ކުރާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. ޚާއްސަ ގޮތެއްގައި ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި ފެނަކަ އާއި އެމްއާރްޑީސީގެ މުވައްޒަފުން ބައިވެރިވުން ނޫން ގޮތެއް ނޯންނަ ކަމަށް ބައެއް މުވައްޒަފުން ބުނެއެވެ.
މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ލައްވައި "މަޖުބޫރުން" ޕީޕީއެމްއަށް ސޮއިކުރުވާ މައްސަލަ ވެސް އޮތީ ބޮޑުވެފައެވެ.
ނަމަވެސް މިހާތަނަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުން ގޮސްފައި ވަނީ، "މަޖުބޫރު ނުކުރާ ކަމަށާއި، އައްޑޫގައި އެމްޑީޕީ އުވިގެން ގޮސްފައިވާކަން އިންތިހާބުގެ ނަތީޖާއިން ފެނިގެން ދާނެ" ކަމަށެވެ.
އިންތިހާބުގެ ނަތީޖާއިން ފެނިގެން ދިޔައީ، ވަޒީފާގެ ބިރު ދައްކައިގެން ޕާޓީއަށް ސޮއި ކުރުވާ އަދި ޕާޓީގެ ޖަލްސާތަކުގައި ބައިވެރިކުރުވިޔަސް ވޯޓު ނުދޭނެ ކަމެވެ. އަދި އެފަދަ މަޖުބޫރުކުރުންތަކާއި މެދު ރައްޔިތުން ހިތްހަމަނުޖެހިފައި ތިބި މިންވަރެވެ.
3. ކަޑަޖަހައި، އިއުލާން ކުރާ މަޝްރޫޢުތަކުން ރައްޔިތުން ނުހެއްލޭނެ
މިފަހަރުގެ އިންތިހާބާއި ދިމާކޮށް އައްޑޫގައި ވަރަށް ގިނަ މަޝްރޫއުތައް އިއުލާންކޮށްފައިވެއެވެ. ގެސްޓް ހައުސް ވެންޗަރގެ ބޮޑު މަޝްރޫއު އަކާއި، އައްޑޫގެ ބައެއް ރަށްތަކުގައި ނަރުދަމާގެ މަޝްރޫއު ވެސް ވަނީ އިއުލާންކޮށްފައެވެ. އަދި އިންތިހާބު ބޭއްވި ދުވަހުގެ ކުރީ ދުވަހު ވިއްސާރަވެ އައްޑޫގެ ގިނަ މަގުތަކުގައި ފެންބޮޑުވުމުން ހައުސިން މިނިސްޓަރ މުއިއްޒު ވަނީ ޓްވީޓަކުން އައްޑޫގެ ރައްޔިތުންގެ އޮޅުވާލުމަށް މަސައްކަތް ކުރައްވާފައެވެ.
މުއިއްޒުގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ "އައްޑޫގެ ހުރިހާ މަގެއް ލަންކާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ހަދަން ނިންމާފައިވާ" ކަމަށެވެ.
މީގެ ކުރިން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދިފައި ނުވުމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، މުޅިން އާ ވައުދުތަކެއް ވުމުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިވަނީ އެމީހުންގެ އިހްސާސްތައް ސަރުކާރަށް ވޯޓުން ދައްކުވައި ދީފައެވެ.
4. އައްޑޫގައި ތިބި ޕީޕީއެމްގެ އިސްވެރިން ވަނީ ފެއިލްވެފައި
މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވެސް ޕީޕީއެމްގެ މައްޗަށް އެމްޑީޕީ އިން ވަރަށް ބޮޑު ތަފާތަކުން ކާމިޔާބު ހޯދާފައިވެއެވެ. އެހެން ނަމަވެސް އެކަން "ބަދަލުވެއްޖެ" ކަމަށް ބުނަމުން ޕީޕީއެމްގެ ބައެއް އިސްވެރިން ވަނީ މާކުރިން އިންތިހާބުގެ ކާމިޔާބީ "ޔަޤީން"ކޮށްފައެވެ.
ވަކިން ޚާއްސަ ގޮތެއްގައި ޕީޕީއެމްގެ ބައެއް އިސްވެރިންގެ އެއްބާރުލުން އެޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ނުލިބިގެން އެކަމުގެ ކަންބޮޑުވުން އިންތިހާބުގެ ތެރޭގައި އަދި ކެމްޕެއިންގެ ތެރޭގައި ވެސް އޮތީ ބޮޑުވެފައެވެ.
ކެމްޕެއިންގައި އެއްބަޔަކު ބައިވެރިވީ "މަޖުބޫރުވުމުން" ކަމަށާއި އިޚްލާސްތެރި ނިޔަތެއް ނެތި ކަމަށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ޕީޕީއެމްގެ ކެންޑިޑޭޓަކު ވަނީ ބުނެފައެވެ.
"ދާއިރާގެ ކެންޑިޑޭޓް ހޮވުމަށް މަސައްކަތް ނުކޮށް މިދަނީ، އެހެން ދާއިރާތަކަށް ކެމްޕެއިން ކުރަން. ފޮޓޯ އެއް ފޭސްބުކަށް މި ލަނީ ތާއިދު ކުރާކަން ދައްކަން. އެއީ ވެސް މަޖުބޫރުވާތީ ކުރާކަމެއް." އޭނާ ބުންޏެވެ.
