Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

މޮޅުވި މީހުންނަށް މަރުހަބާ: ނިހާން

އިންތިޚާބުތަކުގައި އޮންނަނީ މޮޅުވުމާއި ދެރަވުން ކަމަށާއި މިއަދުގެ އިންތިޚާބު ކާމިޔާބުކުރި ފަރާތްތަކަށް ޑިމޮކްރަސީގެ ރިވެތި އުސޫލުން މަރުހަބާ ކިޔާކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިންމަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ނިހާން ތަމްސީލުކުރައްވާ ވިލިމާފަންނު ދާއިރާގެ ކައުންސިލް ގޮނޑި އެމްޑީޕީއިން ކާމިޔާބުކުރެއްވުމާއި ގުޅިގެންނެވެ.

އަދި އޭނާގެ ދާއިރާއިން ޕީޕީއެމްގެ ކެންޑިޑޭޓް އަމްޝާދަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ނިހާން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިއަދު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އިން ވަނީ މާލެ، ފުވައްމުލަކު އަދި އައްޑޫ ސިޓީގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ.

މާލޭގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީ ކަށަވަރުކޮށްފައިވާއިރު އައްޑޫގެ 7 ގޮނޑިވެސް އެމްޑީޕީގެ 7 ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.