Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

މައިނޯރިޓީ އަށް އިހްތިރާމް ކުރަން ސޯބެ ގޮވާލައިފި

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިޤް. އައްޑޫލައިވް ފައިލް ފޮޓޯ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގައި އައްޑޫ ސިޓީގެ އެމްޑީޕީ މެންބަރުން މައިނޯރިޓީއަށް އިހްތިރާމްކުރުމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް އެދިވަޑައިގެންފި އެވެ.

ސޯބެ މިގޮތަށް ވިދާޅުވީ އައްޑޫ ސިޓީގެ ކައުންސިލަރ ކަމަށް 3 ވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ފަހު ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުންނެވެ.

" މައިނޯރިޓީއަށް އިހްތިރާމްކުރުމަކީ ޑިމޮކްރަސީގެ އެންމެ މައިގަނޑު އަސާސް. އިހްތިރާމް ކުރުމާއި އެއްކޮށް މިރޭގެ މި އުފާފާޅުކުރުން ކުރިއަށް ގެންދަން ވާނީ." ސޯބެ ވިދާޅުވިއެވެ.

އިންތިހާބުގައި ބަލިވި ޕީޕީއެމްގެ މެންބަރުންނަށް އިހްތިރާމް ކުރުމަށް ގޮވާލައްވާފައި ވާއިރު އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ޕީޕީއެމްގެ ސަޕޯޓަރުންގެ ފަރާތުން ސޯބެގެ ޒާތީ ދިރިއުޅުއްވުމާއި ގުޅުވައިގެން ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އެހެން ނަމަވެސް ކެމްޕެއިންގެ ތެރޭގައި ވެސް ސޯބެ އެފަދަ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެއް ނުވެއެވެ. ރޭ ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ވެސް ސޯބެ ވަނީ ކެމްޕެއިންގައި ހިނގި ކަންތައް ހަނދާން ނައްތާލަން ޖެހޭ ކަމަށާއި ދާއިރާގެ ހުރިހާ ރައްޔިތުންނަށް އިހްތިރާމާއި ލޯބި އަބަދުވެސް ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ހިތަދޫ އުތުރު ދާއިރާ އަކީ ހިތަދޫ އިން އެމްޑީޕީގެ ސަޕޯޓަރުން އެންމެ ގިނަ ދާއިރާއެވެ.