ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދަ ހިދުމަތް ހުއްޓާލަން ކުއްލި ގޮތަކަށް އާސަންދަ ކުންފުނިން ނިންމައިފި އެވެ.
އާސަންދަ ކުންފުނިން މިއަދު ކުއްލި ގޮތަކަށް ނެރުނު ސާކިއުލާގައި ބުނެފައި ވަނީ މިއަދުން ފެށިގެން އަމިއްލަ ފަރާތްތަކުން ހިންގާ ސިއްހީ ހިދްމަތް ފޯރުކޮށްދޭ ތަންތަނުން ދެމުން އައި އާސަންދަ ހިދްމަތް ހުއްޓާލީ ކަމަށެވެ.
މިކަމާ ގުޅިގެން އާސަންދަ އިން އިތުރު ތަފްސީލެއް ނުދިން ނަމަވެސް ބުނެފައި ވަނީ އާސަންދަ ދިނުމުގެ އުސޫލް މުރާޖާ ކުރަމުން އަންނަ ކަމަށެވެ.
އާސަންދަ ކުންފުނިން ބުނީ ހިދްމަތް ހުއްޓާލި ނަމަވެސް މިއަދާ ހަމައަށް އެޑްމިޓްކޮށްފައިވާ ފަރާތްތަކަށް ފަރުވާ ނިމެންދެން ކުރިއެކޭ އެއްގޮތައް އާސަންދައިގެ ދަށުން ބޭސް ކުރެވޭނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓުގެ ނަތީޖާ ގައި ގިނަ ރައްޔިތުން އަވަދެނެތި އުޅެނިކޮށް އާސަންދައިން ނެރުނު ސާކިއުލާ އާއި ގުޅިގެން ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭއިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ހޮސްޕިޓަލުން ބުނީ އަސަންދައިގެ ދަށުން ދެން ހޮސްޕިޓަލުން ފަރުވާ ނުދެވޭނެކަމަށެވެ.