ލޯކަލް ކައުންސިލް އިންތިޚާބު 2017 ގައި އިދިކޮޅު އިއްތިހާދުން ހޯދި ކާމިޔާބީ އަށް ފަށްފަށުން އައްސަރި ބަހާއި ސާބަސް ޕީޕީއެމްގެ އިންތިޚާބީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައްދު ކުރައްވައިފިއެވެ.
މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހަތަރު ޕާޓީ ގުޅިގެން ހަދާފައިވާ އިދިކޮޅު އިއްތިހާދުން އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ހޯދި ފުރިހަމަ ނަތީޖާއަށް މަރުހަބާ ކިޔާ ކަމަށެވެ.
އިދިކޮޅު އެމްޑީޕީ އިން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކޮށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު މައުމޫން ވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުންނަށް އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ލުމަށް ގޮވާލާފައެވެ.
އަދާލަތު ޕާޓީއިން މި އިންތިޚާބުގައި ވާދަކޮށްފައިނުވާއިރު އެހެން އިންތިޚާބުތަކާ ޙިލާފަށް ޖުމުހޫރީ ޕާޓީއިން މިފަހަރު ވާދަކޮށްފައިވަނީ ވަރަށް މަދު ކެންޑިޑޭޓެކެވެ.
މާލޭ ސިޓީގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު އެންމެ ގޮނޑިއެއް ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.
އައްޑޫ ސިޓީ ގެ 7 ގޮނޑިއަށް އެމްޑީޕީ އިން ވާދަކުރި 7 ކެންޑިޑޭޓުންވެސް ވަނީ ގޮނޑި ކާމިޔާބުކޮށް އަނެއްކާވެސް ކައުންސިލްގެ ފުރިހަމަ މެޖޯރިޓީ ނަގާފައެވެ.