Last Updated: June 25, 02:05
Wednesday, June 24, 2026
ދުނިޔެ

ޕާލިމަންޓް މެމްބަރަކު ތަގުރީރެއް ދެނިކޮށް މަރުވެއްޖެ

ފްރާންސުގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމަނުއަލް މެކްރޮންއަށް ކެމްޕޭން ކުރަމުން ދަނިކޮށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު، ކޮރީން އެރެލް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ހުކުރު ދުވަހު ފްރާންސްގައި އޮތް ކެމްޕޭން ހަރަކާތެއްގައި ކޮރީން ވާހަކަ ދައްކަމުން ދަނިކޮށް ކުއްލި ގޮތަކަށް ވަނީ ބިންމައްޗަށް ވެއްޓިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮރީން މަރުވެފައިވަނީ ހިތް ހުއްޓިގެންނެވެ. އުމުރުން 50 އަހަރުގެ ކޮރީން ވަނީ މެކްރޮންގެ އެން މާޗް ޕާޓީއާއި މިދިޔަ އަހަރު ގުޅިފައެވެ.

އޭގެ ކުރިން ކޮރީން މަސައްކަތް ކުރީ އިދިކޮޅު ސޯޝިއަލިސްޓް ޕާޓީގައެވެ. ފްރާންސްގެ އިންތިޚާބު މިއަދު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު އިއްޔެ ވަނީ އެން މާޗްގެ ކެންޑިޑޭޓު މެކްރޮންގެ އީމެއިލް ހެކް ކޮށް ގިނަ އަދަދެއްގެ އީމެއިލްތައް ލީކު ކޮށްލާފައެވެ.

ސްކައި އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މީޑިޔާ ތަކަށް ސަރުކާރުން ވަނީ ލީކުވި ޚަބަރު ގެނެސްނުދިނުމަށް އަންގާފައެވެ. މެކްރޮން އާއި ވާދަކުރަނީ ނޭޝަނަލް ފްރޮންޓު ޕާޓީއިން މެރިން ލެ ޕެންއެވެ.