އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބްގެ ފުވައްމުލަކު ދެކުނު ދާއިރާގެ ނަތީޖާއިން މަޖްލިސްގެ ރައީސް އަދި އެދާއިރާގެ މެމްބަރު އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަން ސާބިތު ވެއްޖެކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން މަސީހުގެ އިތުބާރު ނެތްކަން ސާބިތު ވެއްޖެކަމަށާއި، ދުރަށް ވަޑައިގެންނެވެމުށެވެ.
Fuvahmulaku dhekunu dhaairaage natheejaa in Majlihuge Raees Maseeh ge ithubaaru nei kan saabithu vehjje. Dhurah vadaigannavaa!
— Mohamed Jameel Ahmed (@MJameelAhmed) May 6, 2017
ކައުންސިލް އިންތިހާބްގައި ފުވައްމުލަކު ސިޓީގެ ތިން ގޮޑީގެ ތެރެއިން ދެ ގޮޑި އެމްޑީޕީން ކާމިޔާބްކޮށްފައިވާ އިރު ދެކުނު ދާއިރާގެ ގޮޑި ކާމިޔާބް ކުރެއްވީ އެމްޑީޕީ ކެންޑިޑޭޓް ފަލާހު ޝަރީފްއެވެ.
މިހާތަނަށް އާއްމުކޮށްފައިވާ ނަތީޖާއަށް ބަލާއިރު ފަލާހު ވަނީ 476 ވޯޓު ހޯއްދަވާފައެވެ. ޕީޕީއެމް ކެންޑިޑޭޓް އަލީ ޝަޒީމް މުހައްމަދަށް ލިބިލެއްވީ 450 ވޯޓެވެ.
ޖަމީލް ވިދާޅުވީ ރައްޔިތުންގެ އަޑު އިއްވައިފިކަމަށާއި، ބަދަލުވާނެކަން ޔަގީން ކަމަށެވެ. އަދި ގައުމީ ވިސްނުން އިސްކޮށް އިދިކޮޅަށް ވޯޓުދެއްވި ރައްޔިތުންނަށް ޝުކުރު ދަންނަވާކަމަށެވެ.
Rayyithun adu ihvaifi. Haalathu badhal vaanekan yaqeen. Qawmee visnun iskoh idhikolhah vote dhehvi rayyithunnah shukuru adhaa kuran.
— Mohamed Jameel Ahmed (@MJameelAhmed) May 6, 2017
ޖަމީލް މިފަދައިން ވިދާޅުވެފައިވާ އިރު މަޖްލިސްގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލައެއް މަޖްލިސްއަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެފަހަރު މަސީހުވަނީ އިތުބާރު ނެތްކަމުގެ ވޯޓުން ސަލާމަތް ވެވަޑައިގެންފައެވެ.
ނަމަވެސް 42 މެމްބަރުންގެ ތާއިދާއިއެކު މަސިހުގެ އިތުބާރު ނެތް މައްސަލަ މަޖްލިސްއަށް ވައްދަން އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.