Last Updated: July 27, 13:32
Monday, July 27, 2026
ޚަބަރު

ޔަސްރިފްގެ ޝުކުރު އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރުންނަށް

އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ ކަމަށް ހޮވިވަޑައިގެންނެވި މުހައްމަދު ޔަސްރިފް އެ ދާއިރާގެ އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ޔަސްރިފް ނެރުއްވި ބަޔާނެއްގައި ވަނީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ މެންބަރުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

"ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވައި ވޯޓު ދެއްވި ކަމަށްޓަކައި އިހްލާސްތެރި ކަމާއި އެކު ޝުކުރު ދަންނަވަން. މި ގޮނޑި ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވި އަޅުގަނޑުގެ ކެމްޕެއިން ޓީމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ޖުމްހޫރީ ޕާޓީ އަދި އަދާލާތު ޕާޓީގެ މެންބަރުންގެ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ވެސް ޝުކުރު ދަންނަވަން."

ޔަސްރިފްގެ ބަޔާނުގައި ވަނީ ލާމަރުކަޒީ އުސޫލުން އައްޑޫ ތަރައްގީ ކުރުމަށް މެދުނުކެނޑި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ ކަން މިހާރު ވެސް ކުރައްވަމުން ގެންދަވަނީ ޔަސްރިފުއެވެ. މިއީ އޭނާ ދެކުނު ދާއިރާގެ ކައުންސިލަރ ކަމަށް ހޮވިވަޑައިގެންނެވި 2 ވަނަ ފަހަރެވެ.