އައްޑޫ އަށް ނިސްބަތްވާ ދުވުންތެރިޔާ، އަހުމަދު އާތިފް އޮސްޓްރޭލިޔާގައި އޮންނަ އަޔަންމޭން ރޭސް ފުރިހަމަކަމާއެކު ނިންމާލައިފިއެވެ.
ޖުމުލު 226 ކިލޯމީޓަރުގެ މިރޭސް އާތިފް ނިންމާލާފައިވަނީ 3.8 ކިލޯމީޓަރަށް ފަތައި، 180 ކިލޯމީޓަރުގެ ބައިސްކަލު ރޭހެއް ނިންމާލުމަށްފަހު 42.2 ކިލޯމީޓަރު ދުވުމަކަށްފަހުގައެވެ.
މުޅިއެކު 12 ގަޑިއިރާއި 30 މިނެޓު 12 ސިކުންތުން އާތިފް ވަނީ ރޭސް ނިންމާލާފައެވެ. އާތިފްގެ ޓީމުން މައުލޫމާތު ދޭގޮތުގައި 226 ކިލޯމީޓަރުގެ ރޭސް ނިންމާލާފައިވާއިރު އާތިފްގެ ހާލު ރަނގަޅު ކަމަށެވެ.
އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެންމެ ދަތިވީ ފަރުބަދަ މަތިން ބައިސްކަލު ދުއްވަން ޖެހުމުން ކަމަށެވެ. ނަމަވެސް 42 ކިލޯމީޓަރު ދުވެލުމުން ހިތްހަމަ ޖެހިފައިވާ ކަމަށް އާތިފް ބުނެފައިވެއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލްގެ ވަޒީފާ ފުރުއްވަމުން ގެންދަވާ އާތިފަކީ ބޮޑެތި ރޭސްތަކުގައި ދުވާ އެތްލީޓެކެވެ. މިއީ އޭނާގެ ދުވުމުގެ ހަޔާތުގައި ލިބިފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއެވެ.