Last Updated: June 24, 03:22
Wednesday, June 24, 2026
ޚަބަރު

ޒުވާން ފުއްލާއަކަށް މާ ބޮޑުކަމެއް ނުކުރެވުނު: ވައްޑެ

ލޯކަލް ކައުންސިލް އިންތިހާބްގެ ނަތީޖާއިން ފެނިގެން ދިޔައީ ހިކްމަތްތެރި މުސްކުޅި ސަރިދޯޅި ކުރިމަތީގައި ޒުވާން ފުއްލާ އަކަށް މާބޮޑުކަމެއް ނުކުރެވޭނެ ކަން ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރ ވައްޑެ) ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބްގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ގުޅިފައިވާ އިއްތިހާދުން މިއަދު ޖުމްހުރީ ޕާޓީގެ މަިއ ޖަގަހަ ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައްޑެ ވިދާޅުވީ މަލާމާތް ކޮށް ނިކަމެތި ކުރުވީކަމުގައި ވިޔަސް ހިކްމަތްތެރި މުސްކުޅި ސާރި ދޯޅި ކުރިމަތީގައި ޒުވާން ފުއްލާއަށް އެއްކަމެއްވެސް ނުކުރެވުނު ކަމަށެވެ.

ވައްޑެ ވިދާޅުވީ އިއްޔެގެ އިންތިހާބުން އިދިކޮޅު ލީޑަރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފުރިހަމައަށް ކާމިޔާބް ލިބިގެން ގޮސްފައިވާކަމަށެވެ.

ޕްރައިވެޓް ސިއްހީ ހިދްމަތް ފޯރުކޮށްދޭ ތަންތަނުން އާސަންދަ ކަނޑާލުމާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ވައްޑެ ވިދާޅުވީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކުން ރައްޔިތުން މަހުރޫމު ކުރުމަކީ ސަރުކާރަކުން ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ކޮންމެ ގައުމެއްގެވެސް ރައީސުލްޖުމްހޫރިއްޔާ ވާންވާނީ ނިކަމެތިންނާ ޔަތީމުން ބަލަހައްޓާ ފަރާތެއްގެ ހައިސިއްޔަތު އޮންނަ، އޯގާތެރިކަމާ، ހަމްދަރުދީއާއި، މިނިވަންކަމާ، ހައްގުތައް ކަށަވަރުކޮށްދޭ ފަރާތެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

ގާނޫނުގެ ތެރެއިންވެސް ނުވަތަ އެނޫން ގޮތަކުން ނަމަވެސް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި އޮތުމުގެ އަސަރު ނިމިގެންދިޔަ އިންތިހާބަށް ވަރަށް ބޮޑަށް ފޯރާފައިވާކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ މި ފެނިގެން ދިޔަ ނަތީޖާއިން 2018 ވަނަ އަހަރު ރައީސް ޔާމީނަށް އިންތިހާބް ކާމިޔާބް ނުކުރެވޭނެ ކަން ޔަގީން ކަމަށެވެ.