ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރަށް ލިބުނީ ހަމަ "ޔޫ" އެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މިރޭ އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވެފައިވަނީ ސަރުކާރުގެ މަޖިލިސް މެމްބަރުން އިންތިޚާބު ކާމިޔާބު ކުރެވިއްޖެޔޭ ބުނާއިރު އެހެން ވިދާޅުވާ ކެންޑިޑޭޓުންގެ ދާއިރާވެސް ކާމިޔާބުނުކުރެވޭ ކަމަށްބުނެ ފާޑުވިދާޅުވެފައިވެއެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން ޣަފޫރު ވިދާޅުވެފައިވަނީ ރައްޔިތުން ނިކުމެ ވޯޓުން ސީދާ ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި ސަރުކާރު ތަމްސީލު ކުރައްވާ މެމްބަރުން ބަލި ގަބޫލު ކުރައްވަން ޖެހޭ ކަމަށާއި މުގާބޭވެސް ބަލި ގަބޫލުކުރާ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބު ބޭއްވި ދުވަހުގެ ރޭ ސަރުކާރުން ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލުމާ ގުޅިގެން ޣަފޫރު ވިދާޅުވެފައިވަނީ ވޯޓުގެ ނަތީޖާ އަށް ބަލާފައި އާސަންދަ ކަނޑާކަށް ނުޖެހޭ ކަމަށެވެ. އެއީ ރައްޔިތުންގެ ފައިސާ އިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތެއް ކަމަށް ވިދާޅުވެ ޣަފޫރު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.