Last Updated: June 24, 00:19
Tuesday, June 23, 2026
ދުނިޔެ

ފްރާންސުގެ ރައީސަކަށް މެކްރޮން އިންތިޚާބުކޮށްފި

މިއަދު ބޭއްވުނު ފްރާންސުގެ ރިޔާސީ އިންތިޚާބު އެން މާޗް ޕާޓީގެ ކެންޑިޑޭޓް އެމަނުއެލް މެކްރޮން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފިއެވެ.

ވޯޓުލީ މީހުންގެ %65.1 މެކްރޮން ހޯދާފައިވާއިރު ފްރޮންޓް ނޭޝަނަލްގެ ކެންޑިޑޭޓް މެރިން ލެ ޕެން އަށް ލިބިފައިވަނީ %34.9 ވޯޓެވެ.

މިއިންތިޚާބުގައި ވޯޓު ހައްގުވާ މީހުންގެ ތެރެއިން %25.3 މީހުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. މިއީ 1969 ވަނަ އަހަރުން ފެށިގެން ފްރާންސުގެ ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓު ނުލާ ފަހަރެވެ.

ސާފު އަޣުލަބިއްޔަތުން މެކްރޮން އިންތިޚާބު ކާމިޔާބުކޮށްފައިވާއިރު އޭނާ ވެފައިވަނީ އެގައުމުގެ ތާރީޚުގައި އެންމެ ޒުވާން ރައީސަށެވެ. އުމުރުން 39 އަހަރުގައި މެކްރޮން މިއިންތިޚާބު ކާމިޔާބުކޮށް ވަނީ ތާރީޚުގެ ތެރެއަށް ވެދެފައެވެ.

މެކްރޮންއަށް މަރުހަބާ ކިޔުމަށް އެންމެ ފުރަތަމަ އަވަސްވެވަޑައިގަތީ އިނގިރޭސި ބޮޑުވަޒީރު، ތެރޭސާ މޭ އެވެ. މޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ބޮޑުވަޒީރު ފްރާންސުގެ އިންތިޚާބީ ރައީސަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށެވެ. އަދި ފްރާންސަކީ އިނގިރޭސިންގެ އެންމެ ބޮޑު އެކުވެރިޔާ ކަމަށްވެފައި އާ ރައީސާއެކު އާ ގުޅުންތައް ގާއިމުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މޭ ވިދާޅުވެފައިވެއެވެ.