1. ވީޑިއޯ ކޯލް ކުރާނެ ވަގުތުތައް ކަނޑައެޅުން
ކުދިން ގޭގައި ތިބޭ ވަގުތު މަސައްކަތުގައި އުޅެންޖެހޭނަމަ، އެކުދިންނާއި އެކު ވީޑިއޯ ކޯލް ކުރާނެ ވަގުތުތަކެއް ކަނޑައަޅަން ވާނެ އެވެ. މިގޮތަށް ކުދިންނާއި އެކު ގުޅުމަކީ ބައްޕައާއި ދަރިފުޅާއި ދެމެދު އޮންނަ ގުޅުން ވަރުގަދަ ކޮށްދީ، ހުރިހާ ކަމެއްވެސް ރަނގަޅު ކަމުގެ އިހުސާސް ލިއްބައިދޭނެ ކަމެކެވެ.
ކުދިން ފެނުނީމަ މީހާއަށް ހިތްހަމަޖެހުން ލިބޭނެ އެވެ. އެހެންކަމުން މަސައްކަތުން ގެއްލޭ އެންމެ ފަސް މިނެޓް ނުވަތަ 10 މިނެޓާއިމެދު ކަންބޮޑު ނުވާށެވެ. އެއީ ހިތްހަމަޖެހިފައި ހުންނަނަމަ، މަސައްކަތް މާ ރަނގަޅަށް ކުރެވޭނެތީ އެވެ.
2. އާއިލީ ވައިބާ ގްރޫޕް
ދަރިންގެ ޚަބަރު ބެލުމަށްޓަކައި ސޯޝަލް މީޑިއާގެ ބޭނުން ރަނގަޅަށް ކުރަން ދަސްކުރާށެވެ. އާއިލާގެ ހުރިހާ މެމްބަރުން ހިމެނޭ ވައިބާ ގްރޫޕެއް ހުޅުވުމަކީ ރަނގަޅު ޚިޔާލެކެވެ. އެއިރުން އަބަދުވެސް އާއިލާގެ އެންމެ ފަހުގެ ޚަބަރުތަކާއި، މަޖާ ފޮޓޯތައް ލިބިލިބި ހުންނާނެ އެވެ. އަބަދުވެސް ކޮންމެވެސް ގޮތަކުން އާއިލާ އާއި ގުޅިފައި ހުންނާނެ އެވެ.
މާ ބޮޑަށް ބިޒީތަ؟ ހާސްވާނެ ކަމެއް ނެތެވެ. އެ ގްރޫޕްގައި މެސެޖެއް ކޮށްލުމަށްޓަކައި ގެއްލޭ ވަގުތުގެ ބަދަލުގައި ހިތްހަމަޖެހިގެން ހުރެ ކުރެވޭ މަސައްކަތުގެ މިންވަރު މާ ބޮޑުވާނެ އެވެ.
3. ބުލީ ނުކުރޭ
އަޚްލާޤީ މައްސަލަތަކުގައި ކުދިންނާއި އަބަދުވެސް ވާހަކަދައްކަނީ ބައްޕަ ކަމުގައި ނަހަދާށެވެ. މުޅިން އެއްކޮށް ކުދިން އަދަބުވެރި ކުރުމުގެ ޒިންމާ އަމިއްލަ ބޮލުގައި އެޅުމަކީ، މައްސަލަތައް އިތުރުވެ ކަންބޮޑުވުން އިތުރުކުރުވާނެ ކަމެކެވެ.
މިކަން އަނބިމީހާ އާއި މަޝްވަރާކޮށް، އަބަދު ކުދިންނާއި ދިމާލަށް އެއްޗެހި ކިޔަން ޖެހޭނީ ބައްޕަ ނޫން ކަމުގައި ސާފުކޮށް ބުނާށެވެ. ޚާއްސަކޮށް ކުދިންނާއި އެކު ހޭދަކޮށްލަން ކޮންމެ ދުވަހަލު ލިބެނީ މަދު ވަގުތުކޮޅެއް ނަމަ، މިއީ ރަނގަޅު ކަމެއް ނޫނެވެ.
4. އާއިލީ ކަންތައްތަކަށް ވަގުތު ހުސްކުރޭ
އާއިލާއަށް ތިމާ ބޭނުންވާ ވަގުތުތަކުގައި އަބަދުވެސް އާއިލާ އާއި އެކުގައި ވާންވާނެ އެވެ. އޭގެ ތެރޭގައި ކުދިންގެ ކުޅިވަރު މުބާރާތްތަކަށާއި ސްކޫލުން ހިންގާ އެހެނިހެން މުބާރާތްތަކުގައި ކުދިންނަށް ހިތްވަރުދޭން ދިއުން ހިމެނެ އެވެ.
އެގޮތަށް އޮންނަ ޙަރަކާތްތަކަށް ކޮންމެ މަހަކު ދެވޭނީ ކިތައް ފަހަރުކަން ދުރާލާ ކަނޑައަޅައި، އެ ދުވަސްތަކުގައި އެކަންކަމަށް ވަގުތު ހުސްކުރަން ޖެހޭނެ އެވެ.
5. ގޭގައި މަސައްކަތް ކުރާނެ ވަކި ތަނެއް ހުރުން
ގޭގައި މަސައްކަތް ކުރާނަމަ، އެކަމަށް ޚާއްސަ ވަކި ތަނެއް ހަމަޖައްސާށެވެ. ކޮންމެހެން ކާ މޭޒުމަތީގައި މަސައްކަތް ކުރަންޖެހޭނަމަ، އުނދަގޫ ނުކުރުމަށް އާއިލާ ގާތު ބުނަންވާނެ އެވެ.
އެއްވެސް އުނދަގުލެއް ނުވާނެކަން އެނގޭނަމަ، މަސައްކަތް ރަނގަޅަށް ކުރުމުގެ ފުރުސަތު އިތުރުވެ އެވެ.
6. ތާވަލާއި އެއްގޮތަށް ޢަމަލު ކުރޭ
މަސައްކަތް ނިމޭނީ ކޮންއިރަކުކަން ކުދިން ކައިރީ ބުނަންވާނެ އެވެ. އަދި އެ ބުނާ ގަޑިއަށް މަސައްކަތް ނިންމަން ޖެހޭނެ އެވެ. އެއީ ފަހުން އެނބުރި މަސައްކަތަށް ދާން ޖެހުނު ކަމުގައި ވިޔަސް އެވެ. އެއިރުން ކުދިން އުފާވާނެ އެވެ. ކުދިން އުފަލުގައި ތިބޭނަމަ، ތިމާ އަމިއްލައަށް ވެސް ހުންނާނީ އުފާވެރިވެފައެވެ.
ނޯޓް: ދަރިންނާއިއެކު ހޭދަކުރާ ކުޑަ ވަގުތުކޮޅުގައި އެކުދިންގެ ހުނަރުތަކަށް ތަޢުރީފް ކުރާށެވެ. އެކުދިން ހޯދާ ކާމިޔާބީތަކާއި، ކުރަން ބޭނުންވާ ކަންތައްތަކަށް ހިތްވަރުދީ ތަޢުރީފް ކުރާށެވެ. އެއިރުން އެކުދިންގެ ސިއްޙަތު އިތުރަށް ރަނގަޅުވާނެ އެވެ.
7. އަގޮބޮޑު ހަދިޔާ ނުގަތުން
އަނބިމީހާއާއި ވަރިވެ، އާއިލާ އާއި ދުރުގައި ވަކިން ދިރިއުޅެމުންދާ ބައްޕައެއްނަމަ، ކުދިންނަށް އަގުބޮޑު ހަދިޔާ ގަނެ ނުދޭށެވެ. އެއީ ބައްޕައާއިއެކު ހޭދަކުރާ ވަގުތުގެ ބަދަލު ދުވަހަކުވެސް ފުއްދައިދެވޭނެ އެއްޗެއްސެއް ނޫނެވެ. މީގެ އިތުރުން އޭގެ ސަބަބުން ކުރީގެ އަންހެނުން ރުޅިއައިސް، ކުދިން ގަންނަނީހެން ކުދިންނަށް ހީވެދާނެ އެވެ.
ފިހާރައިން ގަނެލެވޭ އެއްޗެހީގެ މައްޗަށް އަބަދުވެސް ކޮލިޓީ ވަގުތު އިޚްތިޔާރު ކުރާށެވެ. ދަރިފުޅުގެ އުފަންދުވަސް އަންނާނީ އަހަރަކު އެންމެ ދުވަހަކު އެވެ. އެހެންކަމުން އެދުވަހު ދަރިފުޅާއި އެކު އެދުވަސް ފާހަގަކޮށް، އުފާވެރި ހަނދާންތަކެއް ލިއްބައިދޭ ތަޖުރިބާއަކަށް އެދުވަސް ހެދޭތޯ މަސައްކަތް ކުރާށެވެ.
8. ކުދިންގެ މަންމައަށް އިޙްތިރާމް ކުރުން
ވަރިވެފައި ވީނަމަވެސް، ކުރީގެ އަންހެނުންނަކީ ދަރިންގެ މަންމައެވެ. އަބަދުވެސް އޭނާއަށް އެ ދަރަޖަ ދޭށެވެ. މަންމައާއި ބެހޭގޮތުން ކުދިންނާއި ވާހަކަ ދައްކާއިރު "އޭނާ" ބޭނުންކުރުމުގެ ބަދަލުގައި "މަންމަ" ބޭނުންކުރާށެވެ.
9. ދޮންދަރިންނާއި އެކު ވަގުތު ހޭދަކުރުން
ދެވަނަ ފަހަރަށް ކައިވެނި ކުރީނަމަ، ދޮންމަންމަގެ ދަރިންނާއި ބައްދަލު ކުރަން ތިމާގެ އަމިއްލަ ދަރިން ބޭނުން ނުވެދާނެ އެވެ. އެފަދަ ޙާލަތެއްގައި ކަންތައްތައް ރަނގަޅުވާނެ ކަމަށް އުންމީދުކޮށް ދޮންމަންމަގެ ދަރިންނާއި ބައްދަލު ކުރަން އެކުދިންނަށް މަޖުބޫރު ނުކުރާށޭވެ.
އޭގެ ބަދަލުގައި ހުރިހާ ކުދިންނަށްވެސް މަޖާވާނެ އަދި ކުރަންހިތްވާނެ ކަމެއް ރާވާށެވެ. މިސާލަކަށް ފުޓްބޯޅަ އަށް ޝައުޤުވެރިވާނަމަ، ހުރިހާ ކުދިން ގޮވައިގެން ފުޓްބޯޅަ މެޗެއް ބަލާލަން ދެވިދާނެ އެވެ. އެހެންނަމަވެސް، އަމިއްލަ ކުދިންނާއި ދޮންމަންމަގެ ކުދިން ދެ ޓީމަކަށް ވާގޮތަށް ކުޅެންޖެހޭ ގޭމްތައް ނުކުޅޭށެވެ. އެއިރުން މޮޅުވާ ޓީމާއި ބަލިވާ ޓީމާއިމެދު މައްސަލަތައް ޖެހުމަކީ ކައިރި ކަމެކެވެ.