Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

އާސަންދަ ކުރިއެކޭ އެއްގޮތަށް ދޭން ނިންމައިފި

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުއްލިއަކަށް އާސަންދައިގެ ޚިދުމަތް ލިބޭނީ ހަމައެކަނި ސަރުކާރު ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުން ކަމަށް ނިންމުމަށް ފަހު، ގިނަ ބައެއްގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވުމުން އަނެއްކާ ވެސް ކުއްލިއަކަށް ކުރިއެކޭ އެއްގޮތަށް އެޚިދުމަތް އަލުން ދިނުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވީ ނަމަވެސް އާސަންދަ ކެނޑީ ކީއްވެގެން ކަމެއް ނުވަތަ ކުއްލިއަކަށް އެ ނިންމުން ބަދަލު ކުރީ ކީއްވެގެން ކަމެއް ވެސް ބުނެފައެއް ނުވެ އެވެ.

"ކުރިއެކޭ ވެސް އެއްގޮތަށް އާސަންދައިގެ ޚިދުމަތް ރައްޔިތުންނަށް ލިބޭ ގޮތަށް ބޭއްވުމަށް ރައީސުލްޖުމުހޫރިއްޔާ ނިންމަވައިފި،"

ވޯޓުން ސަރުކާރު ބަލިވުމުން އާސަންދައިގެ ޚިދުމަތް ކަނޑާލީ ކަމަށް ބައެއް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެފައިވާ އިރު ސަރުކާރުގެ އެ ނިންމުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އާސަންދައަކީ ރައްޔިތުންގެ ވޯޓުން ދޭން ޖެހޭ އެއްޗެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ފައިސާ އިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.