ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓުލުން ވަގުތު ކުޑަތަންވެގެން އައިއިރު އެންމެ ބާރަށް ދެކެވެނު އެއް ވާހަކައަކީ މުވައްޒަފުންނަށް ސިޔާސީ ވެރިން ބިރު ދައްކަމުން ދިޔަ ވާހަކައެވެ. އެކި ވުޒާރާތަކުގެ ކޯޑިނޭޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިން އެތަންތަނުގެ މުވައްޒަފުންނަށް ބިރު ދައްކައިގެން ވަކި ބަޔަކަށް ވޯޓު އެޅުވުމަށް މަޖްބޫރު ކުރުވި ވާހަކައެވެ.
އެހެން ނަމަވެސް ކައުންސިލް އިންތިހާބްގެ ނަތީޖާ ހާމަކުރި އިރު ފެނިގެން ދިޔައީ މުވައްޒަފުން ބިރެއް ނެތި އެމީހަކު ބޭނުން މީހަކަށް ވޯޓުލާފައިވާ މަންޒަރެވެ. ސަރުކާރު ކެންޑިޑޭޓުންނަށް ހީނުކުރާވަރުގެ ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހިފައިވާއިރު، އެ ކެންޑިޑޭޓުންގެ ކެމްޕެއިންތަކުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 'މަޖުބޫރީ ހާލަތުގައި' ބައިވެރިވިއެވެ.
އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީ އާއި އެކު މުވައްޒަފުންނަށް ބިރު ދެއްކި ސިޔާސީ ވެރިން އެތިއްބެވީ މަގާމު ގެއްލޭނެކަމުގެ ބިރުގައެވެ. ޕީޕީއެމްގެ އާއްމު މެންބަރުން ބުނާ ގޮތުގައި އައްޑޫ އިން އެ ޕާޓީއަށް ނާކާމިޔާބު ވެގެން ދިޔައީ ކުންފުނިތަކުގެ ވެރިންގެ ބިރުދެއްކުމާއި، ނާޤާބިލް ކަމުން ކަމަށެވެ.
" މަގާމުތަކި ތިބި މީހުން އެތިބީ ފެއިލްވެފަ. ޔާމީން ދިން ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރެވޭ. ނުވިތާކަށް ޕާޓީއަށް ވެސް އިހްލާސްތެރިއެއް ނުވޭ" ޕީޕީއެމްގެ އާއްމު މެންބަރަކު ބުންޏެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ މި އިންތިހާބްގެ ނަތީޖާއިން ބައެއް ކޯޑިނޭޓަރުންނާއި ބައެއް ކުންފުނިތަކުގެ ވެރިންނަށް ބަދަލު އަންނާނެއެވެ. ހާއްސަކޮށް އަތޮޅު ތެރޭގައިވާ ފެނަކަ އަދި އެމްއާރްޑީސީ ފަދަ ކުންފުނިތަކުގެ ވެރިން ބަދަލު ކުރާނެއެވެ.
ލޯކަލް ކައުންސިލް ތަކުގެ އިންތިހާބްގައި ސަރުކާރު ކެންޑިޑޭޓުންގެ ފަހަތުގައި ތިއްބެވީ ސިޔާސީ ކޯޑިނޭޓަރުންނާއި ސިޔާސީ ވެރިންނެވެ. އެމީހުން ސެލްފީ ނަގައި ދައްކަމުން ދިޔައީ އެ ގޮޑިތައް ކާމިޔާބް ކުރާނެ މަންޒަރެވެ. ރައީސް ޔާމީނަށް ދައްކަމުން ދިޔައީ ސަރުކާރަށް އޮތް ތާއިދުގެ ފޮޓޯއެވެ. ނަމަވެސް އެފޮޓޯ ނަގާށާއި ވޯޓު އެޅުވުމަށް އެމީހުން ބިރު ދެއްކީ އެމީހުންގެ ދަށުގައި ތިބި މުވައްޒަފުންނަށެވެ. ނަމަވެސް އެހުރިހާ ކަމެއް މިވަނީ ނާކާމިޔާބުވެފައެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ގދ. ތިނަދޫ ރައްޔިތަކު ބުނީ އެރަށުގައި ހުންނަ އެމްއާރްޑީސީ އަދި ފެނަކަ އޮފީހުގެ މުވައްޒަފުންނަށް ވަކި ގޮތަކަށް ވޯޓުއެޅުމަށް އެތަނުގެ ވެރިން އެންގި ކަމަށެވެ. ވޯޓު ނަތީޖާ ލިބުނު އިރު ތިނަދޫގެ 7 ގޮޑި ކާމިޔާބް ކުރީ އިދިކޮޅު އެމްޑީޕީއެވެ.
އައްޑޫއަށް ބަލާއިރު އައްޑޫގެ އެކި މުވައްސަސާތަކުގެ ވެރިން ބުރަކޮށް އުޅުއްވީ ސަރުކާރު ކެންޑިޑޭޓުންނަށް ތާއިދު ހޯއްދަވާށެވެ. އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސަރުކާރު ކެންޑިޑޭޓަށް ތާއީދު އިތުރުކުރަން މަސައްކަތް ކުރަން މަޖުބޫރު ކުރުވިއެވެ. އެ މުވައްޒަފުން ކެމްޕެއިންގައި ބައިވެރިވި ނަމަވެސް މުވައްޒަފުން ބިރުފަހަނަޅައި ގޮސް ވޯޓު ލައިފިއެވެ. އެއާއި އެކު ވެރިން އެތިއްބެވީ ވަޒީފާ ގެއްލިދާނެތީ ބިރުންނެވެ.
ހަގީގަތަކީ މީގެ ގިނަ ވެރިންނަށް މުވައްޒަފުންވެސް އަދި ރައްޔިތުންވެސް ތާއިދު ނުކުރުމެވެ. މަގާމު ލިބުމާއިއެކު އެކަމަށް ބޮޑާވެ، މުވައްޒަފުންނަށް ބިރު ދައްކައި ގަދަކަން ދެއްކުމެވެ. ގުޅިގެން އުޅުމުގެ ރޫހު ނެތުމުގެ ސަބަބުން އެމީހުން ތިބެނީ އެ އިދާރާތަކުގައި ބާކީ ވެފައެވެ. އެމީހުންގެ ވާހަކަ އަޑުއަހައި ސަރުކާރަށް ތާއިދު ކުރާކަށް ގިނަ މުވައްޒަފުން ބޭނުމެއް ނުވެއެވެ. ހަމައެގޮތަށް އެވެރިން ދައްކާ ވާހަކަ އަޑު އަހާނެ ރައްޔިތަކު ނެތްކަން ލިބުނު ދަށް ނަތީޖާއިން އެއޮތީ ހާމަކޮށް ފެންނާށެވެ.
އިއްޔެ މުވައްޒަފުންނަށް ބިރު ދެއްކި ވެރިން މިއަދު އެތިއްބެވީ މަގާމު ގެއްލިދާނެ ކަމުގެ ބިރުގައެވެ. މިއީ އިބްރަތް ހާސިލް ކުރަންޖެހޭ ކަމެކެވެ.