ކޯޓު ހުރުމަތް ކެނޑިކަން ސާބިތުވެގެން ކުރީގެ ރައީސް މައުމޫން ފެކްޝަންގެ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމް 85،000ރ. އިން ކުރި ޖޫރިމަނާ ވަކި ލާރިން ދައްކަން އޭނާ ސިވިލް ކޯޓަށް ވަޑައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކިލާރިން 85،000ރ. ހަމަކޮށް، ކޮތަޅުތަކަށް އަޅައިގެން އަލީމާ އެކު ފެނަކައިގެ ކުރީގެ ޗެއާމަން އަހުމަދު ނަދީމް ވެސް ކޯޓަށް ވަޑައިގަތެވެ.
ނަދީމަކީ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުންނެވެ.
'އައްޑޫލައިވް' އާ ވާހަކަ ދައްކަމުން އަލީމުގެ އާއިލާގެ މެންބަރަކު ބުނި ގޮތުގައި އަލީމް އަދިވެސް ހުންނެވީ ކޯޓުގައި ކަމަށާއި އެ ފައިސާ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
އަލީމް ޖޫރިމަނާ ކޮށްފައިވަނީ ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް އެ ކޯޓުން މިދިޔަ އަހަރު ކުރި ހުކުމާ ޚިލާފަށް އަމަލްކުރެއްވާފައިވާތީ އެވެ. ސިވިލް ކޯޓުގެ ހުކުމުގައި އަލީމަށް އަންގާފައި އޮތީ 10 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށެވެ.