މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އެއްވެސް އެއްޗެއް ބުނެފައިނުވާއިރު އެކި މީޑިޔާތަކުން އިންތިޚާބުގެ ނަތީޖާ އެކިގޮތްގޮތަށް ގެންނަމުންދާ ކަމަށް އާންމުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އިންތިޚާބުގެ ވަގުތީ ނަތީޖާ ގެނެސްދިނުމަށް ފަށާނެއެވެ. އަދި ނަތީޖާ އިއުލާންކުރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އީސީއިން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
ސަރުކާރުން ކާމިޔާބުކުރާނެ ކަމަށް ބުނި މިފަހަރުގެ އިންތިޚާބުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއެވެ. އެގޮތުން މާލޭ ސިޓީގެ އެއް ގޮނޑި ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް އެމްޑީޕީ ކާމިޔާބުކޮށްފައިވާއިރު ފުވައްމުލަކުގެ 3 ގޮނޑިން ދެ ގޮނޑި އެމްޑީޕީ ވަނީ ހޯދާފައެވެ. އަދި އައްޑޫ ސިޓީގެ 7 ގޮނޑިވެސް އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.