Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

އާސަންދަ ދެވޭނީ އެއްބަސްވުން އާ ކުރުމުން: އޭޑީކޭ

ފޮޓޯ: ސަން

ކުއްލިގޮތަކަށް ހޮނިހިރު ދުވަހުގެރޭ އަމިއްލަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން އާސަންދަ ކަނޑާލައި، ކުއްލިގޮތަކަށް ކުރިއެކޭ އެއްފަދައިން ރައީސުލްޖުމުހޫރިއްޔާ އާސަންދައިގެ ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް އިއުލާން ކުރި ނަމަވެސް އާސަންދައިގެ ޚިދުމަތް ދެވޭނީ އެއްބަސްވުން އާކޮށްގެން ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހޮސްޕިޓަލުން ދިވެހި ރައްޔިތުންނަށް ދެމުން އައި އާސަންދައިގެ ޚިދުމަތް ހުއްޓާލަން އާސަންދަ ކުންފުނިން އަންގާފައިވާ ކަމަށާއި، އެއެންގުމާއެކު އެކުންފުންޏާ ދެމެދު ހަދާފައިވާ އެެއްބަސްވުން ވަނީ ބާތިލުވެފައި ކަމަށެވެ.

އަދި ރައީސުލްޖުމުހޫރިއްޔާ އަލުން އާސަންދަ ދޭން އެންގިނަމަވެސް އޭޑީކޭ އަށް އެފަދަ އެންގުމެއް އަންގާފައި ނުވާ ކަމަށް އޭޑީކޭ އިން ބުނެފައިވެއެވެ.

"މި ހޮސްޕިޓަލުން ދެމުން ގެންދިޔަ އާސަންދައިގެ ހިދުމަތް މެދުކެނޑިފައިވާ ވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ. އާސަންދަ ޕްރައިވެޓް ލިމިޓެޑާއި މި ހޮސްޕިޓަލާ ދެމެދުވެފައިވާ އެއްބަސްވުން އިޔާދަކުރެވުނުހާ އަވަހަކަށް މި ހޮސްޕިޓަލުން އާސަންދަ ސްކީމްގެ ހިދުމަތް އަލުން ފަށާނެ ވާހާކަ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،"

ހޮނިހިރު ދުވަހުގެރޭ ކުއްލި ގޮތަކަށް އާސަންދައިގެ ޚިދުމަތް ލިބޭނީ ހަމައެކަނި ސަރުކާރުގެ ސިއްހީ ޚިދުމަތް ދޭ މަރުކަޒުތަކުން ކަމަށް އަންގައި އަމިއްލަ ފަރާތްތަކަށް ދެމުން އައި އާސަންދަ ވަނީ ކަނޑާލާފައެވެ.

ނަމަވެސް ސަރުކާރުން ބުނެފައިވަނީ އާސަންދަ ކަނޑާލަން އެންސްޕާއަށް އަންގާފައިނުވާ ކަމަށެވެ. ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޚިދުމަތުގެ ނިޒާމު ހަރުދަނާ ކުރުމަށް އެންސްޕާ އަށް ކުރިން އަންގާފައިވާ ކަމަށެވެ. ނަމަވެސް ޚިދުމަތް ކަނޑާލުމަށް އަންގާފައިނުވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.