Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ތަރައްގީއަކާއި ވޯޓަކާ ގުޅުމެއް ނެތް: ސަރުކާރު

ލޯކަލް ކައުންސިލް އިންތިހާބްގެ ނަތީޖާ އަކާއި ރައީސް ޔާމީން ފައްޓަވާފައިވާ އެއްވެސް ތަރައްޤީގެ މަޝްރޫއުއަކާއި ގުޅުމެއް ނެތްކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ރާއްޖެ ތަރައްޤީ ކުރުމަށް ފައްޓަވާފައިވާ އެއްވެސް މަޝްރޫއުއަކަށް ވޯޓުގެ ސަބަބުން އަސަރެއް ނުފޯރާނެކަމަށެވެ.

ޒަމީރުގެ އިތުރުން ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވީ ރައީސް ޔާމީން ރައީސްކަމަށް ވަޑައިގެން ބޭއްވި ފުރަތަމަ ކައުންސިލް އިންތިހާބްގައި ގދ. ތިނަދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ނެގި ނަމަވެސް އެރަށައް ރައީސް ޔާމީން ގެންނަމުންދާ ތަރައްޤީން އެކަނިވެސް ރައީސަކީ ވަކި ކުލައަކަށް ބެލުމެއް ނެތި މުޅި ރާއްޖެއަށް އެންމެ މުހިއްމު ތަރައްޤީ ގެނެސްދެއްވާ ބޭފުޅެއްކަން ހާމަ ވެގެންދާކަމަށެވެ.

ނިހާން އާއި ޒަމީރު މިގޮތަށް ވިދާޅުވިއިރު ލޯކަލް ކައުންސިލް އިންތިހާބްގެ ކެމްޕެއިން ކުރިއަށްދިޔައިރު ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދެވީ ތަރައްޤީއަށް ޖާގަ ދެއްވުމަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށެވެ.

މީގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ފުޓްސަލް ދަނޑުތަކާއި، ފެނާއި ނަރުދަމާ އަދި ހޮސްޕިޓަލް އެޅުއްވުމަށް ބޭނުންނަމަ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ގޮވާލާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބްގެ ވަގުތީ ނަތީޖާ އާއްމުކޮށްފައިވާ އިރު ސަރުކާރުން ބުނަނީ ސަރުކާރަށް ބޮޑު ކާމިޔާބީއެއް ކައުންސިލް އިންތިހާބުން ލިބިފައިވާ ކަމަށެވެ. ހަމަމިއާއިއެކު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ސަރުކާރު ލަނދު ގަންނަވާލެވިއްޖެ ކަމަށާއި ކާމިޔާބް ލިބުނީ އިދިކޮޅަށް ފަރާތްތަކަށް ކަމަށް ބުނެފައެވެ.