Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

އިދިކޮޅު އިއްތިހާދުން ލަންކާގައި ބައްދަލުކޮށްފި

ގުޅިފައިވާ ހަތަރު ޕާޓީން ބައިވެރިވާ ބައްދަލުވުމެއް އަވަށްޓެރި ސްރީ ލަންކާގައި ބާއްވައިފިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫން އަދި ހައްޔަރުކުރެވިފައިވާ ކުރީގެ ޑިފެންސް މިނިސްޓަރުގެ ކޮއްކޮ، އާދަމް އާޒިމް ވަނީ މިބައްދަލުވުމުގައި ބައިވެރިވެފައެވެ.

އިސްލާހީ މަސައްކަތުގައި ސަރުކާރާއި ދެކޮޅަށް އެމްޑީޕީ، ޕީޕީއެމް، އަދާލަތު ޕާޓީ އަދި ޖުމުހޫރީ ޕާޓީ ވަނީ ގުޅިވަޑައިގެންފައެވެ.

ދާދި ފަހުން ރައީސް ޔާމީން ވަނީ ނަޝީދު މިނިވަން ކުރަން ބޭނުންނަމަ އިދިކޮޅު ފަރާތްތަކުން އެކަމަށް އެދިވަޑައިގަތުމަށް ގޮވާލާފައެވެ. ނަމަވެސް ޕީޕީއެމްގެ އިންތިޚާބީ ރައީސް، މައުމޫން ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ވަރަށް ގިނަ ދުވަސްވަންދެން އެދިވަޑައިގަނެފައިވާނެ ކަމަށާއި، އެއްވެސް ކަމެއް ގަބޫލުކޮށްފައިނުވާތީ ދެން އެދިވަޑައިގަންނަން ޖެހޭ ކަމެއް ނެތް ކަމަށެވެ.

އިދިކޮޅު އިއްތިހާދުން ވަނީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީ ފާހަގަކޮށް މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް ބުނެފައެވެ.

ނަމަވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ ކޮންކަމަކާއި ގުޅޭގޮތުން ކަމެއް އަދި އެނގިފައެއް ނުވެއެވެ.