މިދިޔަ އެޕްރިލް މަހުގެ 23 ވަނަ ދުވަހު އަނިޔާވެރިގޮތަކަށް މަރާލި ޒުވާން ބްލޮގަރ، ޔާމީން ރަޝީދަށް އިންސާފު ހޯދާދިނުމަށް އަވަށްޓެރި ސްރީ ލަންކާގައި ބޭއްވި ސުލްހަވެރި އެއްވުމުގައި ލަންކާ ރައްޔިތުން ބައިވެރިވެއްޖެއެވެ.
މިއެއްވުމުގައި ލަންކާގެ ގެއްލިފައިވާ ނޫސްވެރިޔާ، ޕްރަގީތް އެކްނަލިގޮޑާގެ އަނބިމީހާ، ސަންދްޔާ ވަނީ ބައިވެރިވެ ޔާމީންއަށް ހައްގު ހޯދާދިނުމަށް ގޮވާލާފައެވެ.
ލަންކާގެ ރާއްޖޭގެ އެމްބަސީ ކައިރީގައި ޔާމީންގެ އާއިލާ މެމްބަރުންނާއި، އެކުވެރިން އަދި ހެޔޮއެދޭ ފަރާތްތަކުން ވަނީ ޔާމީންގެ ގާތިލުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފައެވެ.
މިސުލްހަވެރި އެއްވުމުގައި ބައިވެރިން ވަނީ ރާއްޖޭގައި އުދުއްސާލި ފަދައިން ޔާމީންގެ ހަނދާނުގައި ރަތް ފުއްޕާހަން ޖައްވަށް އުދުއްސާލާފައެވެ.
#HappeningNow In Memory of Yameen Rasheed 🎈#JusticeForYaamyn #WeAreYaamyn pic.twitter.com/xSvmCWjTu1
— MDPLanka (@TeamMDPLanka) May 8, 2017
ޔާމީންއަށް އިންސާފު ނުލިބި ގިނަ ދުވަސްވެގެންދާތީ އާއިލާއިން ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔާމީން އަށް ހެޔޮއެދޭ 800އަށް ވުރެ ގިނަ މީހަކު ޔާމީންގެ ތަހުގީގު މިނިވަންކަމާއެކު އަވަހަށް ކުރިއަށް ގެންދިއުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފަށް ފޮނުވި ސިޓީ ފުލުހުން ވަނީ ބަލައިނުގަނެ އަނބުރާ ފޮނުވާލާފައެވެ.