މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިން ވަނަ ލޯކަލް ކައުންސިލް އިންތިހާބްގެ ވަގުތީ ނަތީޖާ މިއަދު އިއްލާން ކުރައްވާނެކަމަށް އިލެކްޝަން ކަމިޝަނުން ވިދާޅުވި ނަމަވެސް ދުވަސް ނިމުނު އިރުވެސް ނަތީޖާ އިއްލާން ނުކުރަތީ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބްގެ ނަތީޖާ އެކި މީޑިއާތަކުން ގެނެސްދެމުންދާ ގޮތުން ގިނަ ރައްޔިތުން ތިބީ އޮޅުން އަރާފައެވެ. ދައުލަތުގެ މީޑިއާއިން ހާމަކުރި ބައެއް ނަތީޖާ ތަކުގައި ބޮޑެތި އޮޅުންތަކެއް ހުރި އިރު މިފަހަރުގެ އިންތިހާބްގެ ނަތީޖާ ވަގުތުން ވަގުތަށް ގެނެސްދީފައިވަނީ ރާއްޖެ ޓީވީންނެވެ.
އިލެކްޝަން ކަމިޝަންގެ މެމްބަރ އަހްމަދު އަކްރަމް މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކައުންސިލް އިންތިހާބްގެ ވަގުތީ ނަތީޖާ މިއަދު އިއްލާން ކުރައްވާނެ ކަމަށާއި ދާއިމީ ނަތީޖާ ގާނޫނުގައި ބުނެފައިވާ ތާރީހަށް ވުރެ ކުރިން އިއްލާން ކުރައްވާނެކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް އަކްރަމް ވިދާޅެއް ނުވެއެވެ.
ކައުންސިލް އިންތިހާބްގެ ނަތީޖާ އާއްމު ނުކުރާތީ ކަންބޮޑުވުން ފާޅުކުރި ބައެއް އާއްމުން ބުނެފައިވަނީ ސަރުކާރު ބަލިވުމުން ނަތީޖާ ހާމަކުރަން ބޭނުން ނުވަނީކަމަށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން އިލެކްޝަން ކަމިޝަންގެ ވެބްސައިޓް އަޕްޑޭޓް ކުރުންވެސް ވަނީ ހުއްޓާލާފައެވެ. އަދި އޭގައި އާއްމުކުރި ބައެއް ނަތީޖާ ނަގާފައިވާކަމަށްވެސް ތުހުމަތު ކުރެއެވެ.
އަކްރަމް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށެވެ. އިންތިހާބްގެ ނަތީޖާ މިއަދު އިލެކްޝަންއަށް ހާމަ ނުކުރެވުނު ސަބަބު އަދި މިހާތަނަށް އިލެކްޝަނުން ހާމަކޮށްފައި ނުވެއެވެ.