މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު "ހިއުމަން ރީޕްރޮޑަކްޝަން" ނަމަކަށް ކިޔާ ޖާނަލް އެއްގައި ޝާއިރު ކުރެވުނު ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކުދިން ލިބުނު ފުރުސަތު އުމުރު ބޮޑުވާ ވަރަކަށް ދަށްވެއެވެ.
58،000 އަންހެން ބައިވެރިންނާއި އެކު ކުރެވުނު އެ ދިރާސާއިން ދައްކާފައިވާ ގޮތުގައި އިން-ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) އާއި ނުލައި ތިން ކުދިންނަށްވުރެ ގިނައިން ކުދިން ބޭނުންވާ މީހުން އުމުރުން 23 އަހަރުގައި ކުދިން ހޯދުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.
އެގޮތަށް ޢަމަލު ކުރުމުން ތިން ކުދިން ލިބުމުގެ ފުރުސަތު 90 އިންސައްތަ އިތުރުވެގެންދާ ކަމަށްވެސް ދިރާސާއިން ދައްކައެވެ.
އެންމެ ކުއްޖަކު ބޭނުންވާ މީހުންނަށް އަދި ވަގުތު އެބައޮތެވެ. އެގޮތުން އައިވީއެފް އާއި ނުލައި އެއް ކުއްޖަކު ބޭނުންވާ މީހުން އުމުރުން 32 އަހަރު ވުމުގެ ކުރިން ކުއްޖަކު ހޯދުމުގެ މަސައްކަތް ކުރަން ޖެހެއެވެ. އަދި ދެ ކުދިން ބޭނުންނަމަ، އުމުރުން 27 އަހަރުގެ ކުރިން މަސައްކަތް ފަށަން ޖެހެއެވެ.
އެ މޮޑެލްގައި ދިރާސާވެރިން ހިމަނާފައިވާ އެއް ކަމަކީ ދެވަނަ ކުއްޖަކު ހޯދަން ޖެހޭނީ ފުރަތަމަ ކުއްޖާ ލިބުނުތާ 15 މަސް ދުވަސް ފަހުންނެވެ. ވީމާ، ދެކުދިންގެ ދެމެދުގައި އުމުރުގެ ބޮޑު ތަފާތެއް ބަހައްޓަން ބޭނުންނަމަ، އެކަމާއިމެދު ވެސް ވިސްނަން ޖެހޭނެ އެވެ.
ދިރާސާއިން އިތުރަށް ދައްކާފައިވާ ގޮތުން އުމުރުން 40 އަހަރުގެ އަންހެނަކަށް ވެސް ދިރިހުރި ކުއްޖަކު އުފަން ކުރުމުގެ ފުރުސަތު 50 އިންސައްތަ އަށްވުރެ ބޮޑެވެ.
އައިވީއެފް މެދުވެރިކޮށް ކުއްޖަކު ހޯދަން ބޭނުންވާ އަންހެނަކަށް، އެކަން އުމުރުން 35 އަހަރުގައި ފަށައިފިނަމަ ކާމިޔާބުވާނެ ކަމުގެ 90 އިންސައްތަ ފުރުސަތު އެބައޮތެވެ.
މާހިރުން ބުނާ ގޮތުގައި އަވަހަށް ކުދިން ހޯދުމަކީ އެންމެންނަށް އެދެވިގެންވާ ކަމެއް ނޫނެވެ. އެހެންކަމުން އެހާ އަވަހަށް ކުދިން ނުލިބުނަސް އެކަމާއި މާބޮޑަށް ކަންބޮޑުވާން ނުޖެހެއެވެ. އެއީ އުމުރުން 30ގެ އަހަރުތަކުގައި ވެސް ކުދިން ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންނަމަވެސް އުމުރުން 37 އަހަރުން ފެށިގެން ކުދިން ލިބުމުގެ ފުރުސަތު ދަށްވާން ފަށައެވެ.
އެހެންކަމުން، ކުއްޖަކު ހޯދަން ބޭނުންނަމަ، އެހާ ލަސް ނުވަނީސް އެކަމާއި އުޅޭށެވެ.