Last Updated: June 30, 07:10
Tuesday, June 30, 2026
ދުނިޔެ

އެންމެ ފަލަ މީހާ އަށް ޔޫއޭއީގައި ފަރުވާ ދެނީ

ފޮޓޯ: އީޕީއޭ

އޮޕަރޭޝަނުގެ ކުރިން ބަރުދަނުގައި 500 ކިލޯގްރާމް ހުރި ކަމަށް ބުނެވޭ އީމާން އަބްދް އަލް އަތީ ވަނީ 250 ކިލޯގްރާމް ލުއިކުރުމަ ށްފަހު އިންޑިއާގެ ހޮސްޕިޓަލުން ބުރާސްފަތި ދުވަހު ދޫކޮށްލައިފި އެވެ.

އެހެންނަމަވެސް އެކުވެރި އަރަބް އިމާރާތުގައި އީމާން އަށް ފަރުވާ ދެމުން ގެންދާ ހޮސްޕިޓަލުން ބުނާ ގޮތުގައި އޭނާ ދަނީ ކާޑިއެކް (ހިތުގެ) މައްސަލަތަކާއި އަދިވެސް އެހެނިހެން ސިއްޙީ މައްސަލަތަކާއި ކުރިމަތިލަމުންނެވެ.

ވޭތުވެދިޔަ ހަފްތާތަކުގައި އީމާންގެ އާއިލާ އާއި އިންޑިއާގައި އޭނާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި މެދު ވަނީ ހަމަނުޖެހުންތަކެއް އުފެދިފައެވެ.

އެ ހަމަނުޖެހުންތައް ފެށުނީ އީމާންގެ ދައްތަ ޝައިމާ ސެލިމް ސޯޝަލް މީޑިއާ ގައި ވީޑިއޯ އެއް ޕޯސް ކުރުމުންނެވެ. އެ ވީޑިއޯ ގައި ބުނެފައިވާ ގޮތުން އީމާން އަށް ވާހަކަ ނުދެއްކޭ އަދި ޙަރަކާތެއް ވެސް ނުކުރެވެ އެވެ. އަދި ހޮސްޕިޓަލުން ބުނި ވަރަށް އީމާންގެ ބަރުދަން ލުއި ނުވާ ކަމަށްވެސް އެ ވީޑިއޯ ގައި ބުނެފައި ވެއެވެ. އެ ހުރިހާ ތުހުމަތުތަކަށް ހޮސްޕިޓަލުން ވަނީ ހަރުކަށި އިބާރާތުން އިންކާރު ކޮށްފައެވެ.

އަބޫ ދާބީ ގެ ބުރްޖީލް ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން އެކިއެކި ދާއިރާތަކުން ޚާއްސަވެފައިވާ 20 ޑޮކްޓަރުންގެ ޓީމަކުން ދަނީ އީމާން އަށް ފަރުވާ ދެމުންނެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޑޮކްޓަރުން މިހާރު މަސައްކަތް ކުރަމުން ދަނީ އީމާންގެ ސިއްޙީ ޙާލަތު ރަނގަޅު ކުރުމަށާއި، ހޮސްޕިޓަލުގެ އަމާޒް ކަމަށްވާ ކުޑަ އެހީތެރިކަމަކާއި ލައިގެން ނުވަތަ އެއްވެސް އެހީއަކާއި ނުލައި އީމާން އަށް އަމިއްލަ އަށް އިށީނދެވޭ ވަރު ކުރުމަށެވެ.