Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

އައިބީގެ "ޓެސްޓް ޕޭޕަރުން" ފާހެއް ނުވި، ދެނޯ؟

ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ (އައިބީ) އިންތިހާބު ސިފަކުރެއްވީ "ކޮންމެހެން ފާސްވާން ޖެހޭ ޓެސްޓް ޕޭޕަރެއް"ގެ ގޮތުގައެވެ.

އައިބީ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާހަކީ، ސަރުކާރުތަކުން ކުރާ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން އަންގައިދޭ ޓެސްޓެކެވެ.

" (ޓެސްޓް ޕޭޕަރުން ފާސްނުވެ) ތިޔަބޭފުޅުން ބުނެގެން އަޅުގަނޑު ގޮސް ކަމެއް ވިދާޅުވީމަ އެކަމެއް ނުކުރެވުނީމާ އެ ވާހަކައިގެ ޝަކުވާ އަޅުގަނޑާ ހަމައަށް ނުގެންނަވާތި. އެއީ ތިބޭފުޅުން ބަލައިގަތް ކަމެއް. އަޅުގަނޑުގެ މައްސަލައެއް ކަމަށް ނަހައްދަވާތި." ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވި 'ޓެސްޓު ޕޭޕަރުން' ފޭދޫގެ ރައްޔިތުން ފާހެއް ނުވިއެވެ. ކައުންސިލަރ ކަމަށް ފޭދޫގެ ރައްޔިތުން އިންތިހާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ފަހުމީ އަހްމަދުއެވެ.

ކައުންސިލް އިންތިހާބުގެ ނަތީޖާ ސަރުކާރެކޭ އެއްފަދައިން އައިބީ އަށް ވެސް މުހިއްމުކަން ބޮޑެވެ. އެއީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ހަމައަށް ދާއިރު، އައިބީ އަށް ތާއީދު އޮތް މިންވަރު ހާމަކުރަން ލިބުނު ފުރުސަތަކަށް ވީމައެވެ. އައިބީ ވިދާޅުވި ފަދަ ޓެސްޓަކަށް ވީމައެވެ.

އައިބީގެ އެދިވަޑައިގަތުމާއި ދެކޮޅަށް ފޭދޫގެ މެޖޯރިޓީ ރައްޔިތުން ނިކުމެ ވޯޓު ލުމުން ހާމަވެގެން ދިޔަ އެއްކަމަކީ، ޚުދު އައިބީ ވެސް ޓެސްޓް ޕޭޕަރުން ފާސް ނުވާ ކަމެވެ.

ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ފަހު ފޭދޫގެ ޕީޕީއެމް މެންބަރުންގެ ކިބައިން ފެނުނު ޖޯޝާއި ފޯރިއެއް މިހާރު ނުފެނެއެވެ. ސޯޝަލް މީޑިޔާގައި ފޭދޫގެ ޕީޕީއެމް މެންބަރުންގެ އަޑު ތަންކޮޅެއް މަޑުވެއްޖެއެވެ. ފޭދޫގެ ޕީޕީއެމް މެންބަރުންގެ މެދުގައި ކޮންމެވެސް ވަރެއް ހިތްހަމަނުޖެހުންތައް ހުރިކަން ސޯޝަލް މީޑިޔާގައި ދަނީ ހާމަވަމުންނެވެ.

މިހުރިހާ ކަމަކަށް ވުރެ ޖަވާބު ހޯދަން ފޭދޫ ރައްޔިތުން ބޭނުންވާ ސުވާލުތައް އެބަހުއްޓެވެ.

ފޭދޫގެ ތަރައްޤީއަށް ރޭވިފައި ހުރި ކަމަށް މީގެ ކުރިން އިބްރާހިމްދީދީ ވިދާޅުވި މަޝްރޫޢުތަކަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ފޭދޫގެ ރައްޔިތުންނަށް އެމީހުން ބޭނުންވާ ކަންކަމުގައި ދެން އައިބީ އެހީތެރިވެ ވަޑައިގެންފާނެ ހެއްޔެވެ؟ ސަރުކާރުން ފޭދޫގައި ތަރައްގީގެ މަޝްރޫއުތަކެއް ދެން ހިންގާނެ ހެއްޔެވެ؟

އައިބީ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުން ކޮށްދިން ކަންތައްތަކަކީ، ރައްޔިތުން ބޭނުންވާ ކަންކަންތޯ ދެނެގަންނަ އެންމެ މުހިއްމު ވަސީލަތަކީ ވޯޓު ކަރުދާސްކޮޅު ކަމަށެވެ. އެހެން ކަމުން ފޭދޫގެ ރައްޔިތުން މި ބުނީ، ފޭދޫގެ ބިން ހިއްކީ ރަނގަޅަށް ނޫން ކަމަށް ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހާމަވެގެން ދާނެ އެވެ. ސިޔާސީ ވެރިއެއްގެ ބަހެއް ހޯދުމަށް ވުރެ ރައްޔިތުންނަށް މިކަމުގައި އެންމެ ރަނގަޅީ ބަލަހައްޓައިގެން ތިބުމެވެ.

މާޒީގެ ސޮފްހާތަކަށް ބަލާއިރު ފޭދޫ، އަދި އައްޑޫގެ ރައްޔިތުންނަށް ސިޔާސީ ފަރާތްތަކުގެ އިޚްލާސްތެރިކަން ހުރި މިންވަރު ވަރަށް ރަގަޅަށް ހާމަވެގެން ދިޔަ އެތައް ކަމެއް ހިނގާފައި އެބަހުއްޓެވެ.