ހޮނިހިރު ދުވަހު ބޭއްވި ތިންވަނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު ހެނދުނު އިއްލާން ކުރާނެކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކަމިޝަނުން ބުނީ ނަތީޖާ މިއަދު ހެނދުނު 11 ޖަހާއިރު އިއްލާން ކުރާނެކަމަށެވެ. އަދި އިންތިހާބް ނަތީޖާ ހާމަކުރުން ލައިވް ކުރުމަށް ބޭނުންވާ މީޑިއާތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އިލެކްޝަނުން ބުނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަނުން ހާމަކުރުން ލަސްވާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އިލެކްޝަނަށް އަމާޒުވެފައެވެ. މި އިންތިހާބްގެ ނަތީޖާއިން ދައްކާ ގޮތުގައި އިދިކޮޅު ޕާޓީތަކަށާއި އަމިއްލަ ކެންޑިޑޭޓުން ވަނީ ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލްގެ ގިނަ ގޮޑި ހޯއްދަވާފައެވެ.