ރޯދަ އިނާޔަތުގެ ގޮތުގައި ދިވެހި ފުލުހުންނަށް ޚާއްސަ އިނާޔަތެއް މިފަހަރު ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ނިންމެވުމުން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއިން ފުލުހުންނަށް ތަކެތި ބެހުމުގެ މަސައްކަތް ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 2.4 މިލިއަން ރުފިޔާގެ މުދާ ފުލުހުންނަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުން ބުނާ ގޮތުގައި އެތަކެއްޗަކީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއާއި ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން ފުލުހުންނަށް ބެހުމަށް ހަމަޖެހިފައިވާ ތަކެތި ކަމަށެވެ.
މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ ހުރިހާ ފުލުސް އިދާރާއެއްގައި މަސައްކަތް ކުރާ ފުލުހުންނަށް ތަކެތި ދޫކުރަމުންދާނެ ކަމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއިން މައުލޫމާތު ދީފައިވެއެވެ.
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއަކީ ފުލުހުންނާއި ފުލުހުންގެ މަޤާމުތަކުގައި އުޅުމަށްފަހު ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރާ ފަރާތްތަކާއި، ފުލުހުންގެ މުއައްސަސާގެ ވަޒީފާގައި އުޅޭ މުވައްޒަފުންނާއި މި އެންމެހާ ފަރާތްތަކުގެ އާއިލާތަކުގެ ވެލްފެއަރ ކަންތައްތައް ރަނގަޅުކުރުމާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމާއި އިޖްތިމާޢީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމުގެ މަޤުޞަދުގައި 2012 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.