Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ފަރަގު ކުޑަ ދާއިރާތަކުގެ ވޯޓު އޮޅުވާލަން އަންގާފައިވޭ: ޝިފާޒް

ލޯކަލް ކައުންސިލް އިންތިޚާބުގެ ސަރުކާރު ކޯލިޝަނުގެ ކެންޑިޑޭޓަކު ކުޑަ ފަރަގަކުން ބަލިވެފައިވާނަމަ ވޯޓު އޮޅުވާލުމަށް އަންގާފައިވާ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ވޯޓުގެ ވަގުތީ ނަތީޖާ އަދިވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިނުވާއިރު ޝިފާޒް ވިދާޅުވެފައިވަނީ 10 ވޯޓުގެ ފަރަގެއް ވާނަމަ ކޮންމެ ގޮތެއް ހަދާފައިނަމަވެސް ސަރުކާރަށް ގޮނޑި ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

ރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޝިފާޒް ބުނެފައިވަނީ މިއަދު އުފާވަނީ މިފަދަ އެންގުންތައް އިލެކްޝަންސް ކޮމިޝަނަށް އެންގުމުން މިއަދު އެމައުލޫމާތު ސީދާ އިދިކޮޅު ފަރާތްތަކަށް ލިބެމުންދާތީ ކަމަށެވެ.

ވޯޓަށްފަހު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށްވެސް ވަނީ ހެޔޮވިސްނުން ލިބިފައި ކަމަށާއި ހަގީގަތް ފެނިފައި ކަމަށެވެ. އެހެންކަމުން އެކަމާއި މެދު އުފާ ކުރައްވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އިއްޔެ މެންދުރު ފަހު އިލެކްޝަންސް ކޮމިޝަނުން ވޯޓުގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އަންގާފައިވިނަމަވެސް ނަތީޖާ އިއުލާން ކުރުން މިއަދަށް ވަނީ ފަސްކޮށްފައެވެ.