Last Updated: July 27, 13:32
Monday, July 27, 2026
ޚަބަރު

އިންތިހާބުން ޕީޕީއެމް ބަލިވެއްޖެ: ނިހާން

ހޮނިހިރު ދުވަހު ބޭއްވި ތިން ވަނަ ލޯކަލް ކައުންސިލް އިންތިހާބުން ވެރިކަން ކުރާ ޕީޕީއެމް ބަލިވިކަން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ގަބޫލު ކުރައްވައިފި އެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމަށް ކައުންސިލް ގޮނޑިތަކުގެ މެޖޯރިޓީ ނުލިބުނު ސަބަބުތައް ދެނެގަންނަން ޖެހޭ ކަމަށާއި އަދި އެކަންތައް އިސްލާހުކޮށްގެން ކާމިޔާބު ލިބޭނެ ކަމަށެވެ.

ކައުންސިލް އިންތިހާބަށްފަހު ފުރަތަމަ ބޭއްވި ނޫސްކޮންފަރެންސްގައި ނިހާން ވިދާޅުވީ ޕީޕީއެމްއަށް ހިތްހަމަޖެހޭ ވަރުގެ ކާމިޔާބީއެއް ލިބިއްޖެކަމަށެވެ، އޭރު ގުނާ ނިމިފައިވަނީ މަދު ވޯޓު ފޮއްޓެކެވެ.

ނިހާން ވިދާޅުވީ މި އިންތިހާބަކީ ސެމީ ފައިނަލް ކަމަށާއި ފައިނަލަށް ދިޔައީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށެވެ. އަދި މި ބުރުގެ ފައިނަލް މެޗު އޮންނާނީ 2018 ވަނަ އަހަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާނު ވަނީ ހެދުނު ގޯސްތައް ރަނގަޅުކޮށް، ތައްޔާރުވުމަށް އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ހަކަތަ އާއި ހިއްވަރު ޕީޕީއެމް މެމްބަރުންގެ އެބަހުރި ކަމަށެވެ. އަދި ﷲގެ އިރާދަފުޅުން އިންތިހާބު ކާމިޔާބު ކުރާނީ ފުރަތަމަ ބުރުން ކަމަށް ނިހާން ވިދާޅުވި އެވެ.