Last Updated: July 27, 13:32
Monday, July 27, 2026
ޚަބަރު

އައްޑޫގައި ތިބި ސިޔާސީ ވެރިންގެ މަގާމުތަކަށް ބަދަލުތަކެއް ގެންނަނީ

އައްޑޫގައި ހުރި ސަރުކާރުގެ އެކި މުއައްސަސާތަކުގައި ތިއްބެވި ޕީޕީއެމްގެ ސިޔާސީ ވެރިންގެ މަޤާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

އައްޑޫގައި ތިއްބެވި ސިޔާސީ ވެރިންގެ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައި ވާއިރު ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް އައްޑޫ ސިޓީ ކައުންސިލްގެ އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރަކު 'އައްޑޫލައިވް' އަށް ވިދާޅުވީ، ޕާޓީގެ އިސްލާހު ކުރަންޖެހޭ ކަންތައް ހުރިހާ ދާއިރާ އަކުން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަންތައް ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ބައެއް ސިޔާސީ މަގާމުތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

"ކައުންސިލް އިންތިހާބުގައި ފާހަގަވި ޕާޓީގެ ގޮފިތަކުގެ ވީކްނެސް. އެކަން ހައްލުކުރަން ބަދަލުތަކެއް ގެންނާނެ ކުރިއަށް އޮތް ދުވަސްތަކުގައި. އާންމު މެންބަރުންނާ ކެންޑިޑޭޓުންގެ ޝަކުވާތައް އެބަހުރި (އައްޑޫ އިން) ލިބިފައި. އެކަންތައް ބަލަމުން މިދަނީ."

ކައުންސިލް އިންތިހާބުގެ ކެމްޕެއިން ގައި އައްޑޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ބައެއް ވެރިންގެ ބައިވެރިވުން ކުޑަކަން ފާހަގަކޮށް ޕީޕީއެމް އާންމު މެންބަރުން ދަނީ ސޯޝަލް މީޑީޔާގައި ވެސް އެކަމަށް ފާޑުކިޔަމުން ގެންދާ ކަން ފާހަގަކޮށްލެވެ އެވެ.