Last Updated: June 11, 20:32
Thursday, June 11, 2026
ސިޔާސީ

ޑރ. ޖަމީލްގެ މައްސަލަ ހޯމަ ދުވަހަށް ތާވަލްކޮށްފި

ހޯމް މިނިސްޓަރު ޑރ. މުޙައްމަދު ޖަމީލު އަޙްމަދުގެ މައްޗަށް އެމްޑީޕީ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ގަތުމަށް ފަހު އެ މައްސަލައިގެ އަޑު އެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފި އެވެ.

ޑރ. ޖަމީލުގެ މައްޗަށް އެމްޑީޕީ އިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ކުރީގގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ކުރައްވާފައިވާ ދަޢުވާ އާ ގުޅިގެން، ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން، ރައީސް ނަޝީދަށް ޤާނޫނީ ގޮތުން ލިބިވަޑައިގެންވާ ޢަދުލުވެރިކަމާ އެކު ޝަރީޢަތް ކުރެވުމުގެ ޙައްޤަށް އަރައިގަނެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށްޓަކައި ފަނޑިޔާރުންނާއި ކޯޓުތަކަށް އަމާޒުކޮށް ވާހަކަ ދައްކަވައި، އަދި ޝަރީޢަތަށް ނުފޫޒު ފޯރުވައިގެން ވަކި ސިޔާސީ މަޤްޞަދެއް ހާޞިލު ކުރެއްވުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ބުނާ މައްސަލާގަ އެވެ.

ޖަމީލު ދައްކަވާފައިވާ ވާހަކަތަކުގެ ތެރޭގައި، ނަޝީދުގެ ޝަރީޢަތް ރިޔާސީ އިންތިޚާބުގެ ކުރިން ނިންމަން ޖެހޭނެ ކަމަށް ވިދާޅުވުމާއި އެ މައްސަލަ ނުނިންމައި މިހާރު ވެސް މާބޮޑަށް ލަސްވެގެން ހިނގައްޖެ ކަމަށް ވިދާޅުވެފައިވުން ހިމެނޭ ކަމަށް އެމްޑީޕީން ބުންޏއެވެ.
އަދި އެކަމުގެ ޒިންމާ ކޯޓުތަކުން އުފުލަން ޖެހޭނެ ކަމަށާއި، އަދި އެ މައްސަލަ އަވަހަށް ނިންމުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހަމަޖެހުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ފުލުހުންގެ އިދާރާއާ ޙަވާލުވެ ހުންނެވި މިނިސްޓަރު ކޯޓުތަކުގެ ފަނޑިޔާރުންނަށް އަމާޒުކުރައްވައި، އެމިނިސްޓަރު ބޭނުންފުޅުވާ މުއްދަތެއްގެ ތެރޭގައި އެ މިނިސްޓަރު ބޭނުންފުޅުވާ މައްސަލައެއް ނުނިންމައިފިނަމަ އެކޯޓެއް އެކަމާ “ޒިންމާވާން ޖެހޭނެ” ކަމަށް ވިދާޅުވުމަކީ އެމައްސަލައިގެ ޝަރީޢަތް ހިންގަވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި، އިންސާފުވެރިކަމާއެކު އެ ޝަރީޢަތްކުރުމަށް ހުރަސްއެޅޭނެ ކަމެއްކަމަށް މި ޕާރޓީން ދެކެމެވެ." އެމްޑީޕނީން ބުންޏެވެ. "ފުލުހުންގެ ޢަމަލުތައް މިހާރު ހުންނަ ގޮތަށް ބަލާ އިރު އެ ފުލުހުންނާ ހަވާލުވެ ހުންނަވާ މިނިސްޓަރު އެފަދަ އިބާރާތްތަކުން ކޯޓުތަކާއި ފަނޑިޔާރުންނާ މުޚާތަބު ކުރެއްވުމަކީ އެ ކޯޓުތަކަށާއި ފަނޑިޔާރުންނަށް ދެވޭ އިންޒާރެއް ނޫންކަ މަށް ބެލޭނޭ ޖާގައެއް ނެތް ކަމަށް މި ޕާޓީން ދެކެމެވެ."

އެހެންކަމުން އެފަދަ ވާހަކަތައް ތަކުރާރު ނުކުރެއްވުމަށް ހޯމް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި ޑރ. ޖަމީލަށް އަންގަވައި ޙުކުމްކޮށް ދެއްވުމަށް އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވެ އެވެ.