ލޯކަލް ކައުންސިލް އިންތިހާބަކީ ސެމީ ފައިނަލް ކަމަށާއި ސެމީން ބަލިވި ނަމަވެސް ފައިނަލްގައި 2018 ވަނަ އަހަރު ކުޅޭނީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު ނިހާން ހަސަން މަނިކު ވިދާޅުވި ވާހަކަތައް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ދިފާއު ކުރައްވައިފި އެވެ.
ސެމީ ފައިނަލުން ބަލިވާ ޓީމް ފައިނަލަށް ދާ ވާހަކަ ވިދާޅުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ނިހާންއަށާއި ޕީޕީއެމަށް އަދި ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ކިއުން އަމާޒުވެފައި ވަނަިކޮށް ރޭ ޝައިނީ ވިދާޅުވީ ސެމީ ފައިނަލުން ބަލިވެގެން ވެސް ފައިނަލަށް ދެވޭނެ އުސޫލު އެބަ އޮތް ކަމަށެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ޝައިނީ ވިދާޅުވީ ނިހާނަކީ ވަރަށް ތޫނުފިލި ބޭފުޅެއް ކަމަށާއި އެމަނިކުފާނު އެ ވިދާޅުވި އެއްޗެއް އެމްޑީޕީ ކުދިންނަށް ނޭގުނީ ކަމަށެވެ.
ސެމީ ފައިނަލް މެޗެއްގަ ބަލިވާ ފަހުންވެސް ފައިނަލަށް ދެވޭނެ ގޮތެއް އޮންނަ ކަމަށާއި އެ ގޮތަކީ މޮޅުވި ޓީމް ޑިސްކޮލިފައި ވުން ކަމުގައި ޝައިނީ ވިދާޅުވި އެވެ.
“ގާނޫނު އަސާސީގެ ހަމަތަކަށް ބަލާއިރުގަ ނަޝީދަކީ ޑިސްކޮލިފައިވެފަ ހުރި ބޭފުޅެއް. އެބޭފުޅާއަކަށް ފައިނަލް މެޗަކަށް އަރާވަޑައެއް ނުގެންނެވޭނެ. ލޯކަލް ކައުންސިލުން އިދިކޮޅު ފަރާތްތައް ކުރީގަ އުޅުއްވި ނަމަވެސް އެ ބޭފުޅުންނަކީ ޑިސްކޮލިފައިވެފަ ތިބި ބައެއް. ރައީސް މައުމޫނަކީ ޑިސްކޮލިފައިވެފަ ހުރި ބޭފުޅެއް، ގާސިމަކީ ޑިސްކޮލިފައި ވެފަ ހުރި ބޭފުޅެއް. އެހެންވީމަ ވަރަށް ރީއްޗަށް އަޅުގަނޑުމެންނަށް އަދި ފައިނަލް ކުޅުމުގެ ފުރުސަތު އެބަ އޮތް. މިހާރުވެސް ޑިސްކޮލިފައިވެފަ ތިބި ބައެއް އެއީ،" ޝައިނީ ވިދާޅުވި އެވެ
ޝައިނީ ވިދާޅުވި ގޮތުން އެމްޑީޕީ އާއި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އަދި ރައީސް މައުމޫން ހުންނެވީ ޑިސްކޮލިފައިވެފައެވެ. އެހެންވެ ފައިނަލަށް އެމްޑީޕީ ދިޔައަސް ފައިނަލްގައި ނުކުޅެވޭނެއެވެ. އޭރުން ފައިނަލްގައި ހުންނަވާނީ ރައީސް ޔާމީން ގިނކަންޔާއެވެ.
ޝައިނީގެ މި ފޯމިއުލާއަކީ އަމުދުން އަދި މާ ބޮޑު ޖޯކަކަށްވެއްޖެއެވެ. ކޮންމެއަކަސް ލޯކަލް ކައުންސިލް އިންތިހާބުން ޕީޕީއެމްއަށް ލިބުނު ދެރަ ނަތީޖާ އާއި އެކު ސޯޝަލް މީޑިއާގައި މިވަނީ ފޯރި ހިފާފައެވެ.