ކުރިއަށް އޮތް ރަމަޟާން މަހުގައި ދިވެހި ރާއްޖޭގެ ސްކޫލުތަކުގައި ކިޔެވުން އޮންނަ ގަޑިތައް އެޑިއުކޭޝަން މިނިސްޓްރީ އިން ހަމަޖައްސައި ސްކޫލުތަކަށް ފޮނުވައިފި އެވެ.
ހެނދުނުގެ ދަންފަޅީގައި ކިޔެވުން ފެށުމަށް މިނިސްޓްރީއިން ކަނޑައަޅާފައިވަނީ ހެނދުނު 8:40 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައެވެ.
އަދި ދެ ދަންފަޅީގެ ކިޔެވުން އޮންނަ ސްކޫލުތަކުގައި މެންދުރު ފަހުގެ ދަންފަޅި ފެށުމަށް ކަނޑައަޅާފައިވަނީ ހެނދުނު 11:30 އާއި މެންދުރު 13:00 އާ ދެމެދުގެ ވަގުތެއްގައެވެ.
ނަމާދު ގަޑިތަކުގައި ކުދިންގެ ނަމާދަށް ބުރޫ ނާރާނެ ގޮތަށް ކިޔެވުން ފެށުމަށް ސްކޫލްތަކަށް މިނިސްޓްރީ އިން އަންގާފައިވާއިރު މެންދުރު ނަމާދަށް ވަގުތު ލިބޭ ގޮތަށް މެންދުރު ފަހުގެ ދަންފަޅި ފެށުމަށް ސްކޫލްތަކަށް އަންގާފައިވެއެވެ.
އަދި އަސްރު ނަމާދަށް ބުރޫ ނާރާނެ ގޮތަށް 15:00 ގެ ކުރިން ކުދިންގެ ކިޔެވުން ނިމޭނެ ގޮތަށް ގަޑިތައް ހަމަޖެއްސުމަށް މިނިސްޓްރީއިން ވަނީ އަންގާފައެވެ.
ދަންފަޅިތަކުގެ ދިގުމިންވެސް މިނިސްޓްރީއިން ކަނޑައަޅާފައިވާއިރު ގުރޭޑު އެކަކުން ހަތަކާއި ހަމައަށް ކިޔަވާ ކުދިންގެ ދަންފަޅީގެ ދިގުމިން ބަހައްޓަން ޖެހޭނީ ދެގަޑިއިރާއި ތިރީސް މިނެޓަށެވެ. އަދި ގުރޭޑު 8އާއި 10 ގެ ދަރިވަރުންގެ ދަންފަޅީގެ ދިގުމިނަށް ތިން ގަޑިއިރު ކަނޑައަޅާފައިވާއިރު މަތީ ސާނަވީގެ ދަރިވަރުންނަށް ހަތަރު ގަޑިއިރުގެ ކިޔެވުން އޮންނާނެއެވެ.
އަދި މާއްދާތަކުގެ ވަގުތު ދަންފަޅީގެ ދިގުމިނަށް ފެއްތުމަށް ކޮންމެ މާއްދާއެއްވެސް ތިރީސް މިނެޓާއި 45 މިނެޓާއި ދެމެދުގެ ވަގުތަކަށް ހެދުމަށް އަންގާފައިވެއެވެ.