ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ރައްޔިތުން އަދުލު އިންސާފާއި ހަމަހަމަކަމުގެ މުހިއްމުކަން ސާބިތުކޮށްދީފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދް މަހުލޫފް ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދެ މައްސަލައެއްގައި ކުށް ސާބިތުވެ، 10 މަހަށް ޖަލަށް ލާފައިވާ މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ތަރައްގީ ބޭނުން ވިޔަސް އެއަށް ވުރެ އަދުލު އިންސާފާ ހަމަހަމަކަން މާމުހިއްމުކަން ރައްޔިތުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
"އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ދެކޮޅުކަން ސާފުކޮށްދެއްވައިފިއެވެ. ދުރުގައި އެކި ރަށްރަށުގައި ތިއްބަސް އެންމެ ދިވެހި ދަރިއަކު ޖަލަށް ލައިގެން އަނިޔާދޭން ދެކޮޅުކަން ހާމަކޮށްދެއްވައިފިއެވެ."
މަހްލޫފް ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ބަލާއިރު 70 އިންސައްތަ ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނެފައިވާ ކަމަށާއި އެހެން ކަމުން ރައީސް ޔާމީން މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ 85 ދާއިރާގެ ތެރެއިން 69 ދާއިރާގެ ކައުންސިލްތަކަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓުން އިންތިހާބުވެފައިވާތީ މަހުލޫފް ވަނީ މަޖިލިސް މެންބަރުން އިދިކޮޅު ފަރާތްތަކާއި ގުޅުމަށް ގޮވާލާފައެވެ.
"މަޖިލީހުގެ މެންބަރުން ނިސްބަތްވާ 85 ދާއިރާގެ ތެރެއިން 69 ދާއިރާއަށް ވެސް އިންތިހާބުކޮށްފައި އެވަނީ އިދިކޮޅު ކެންޑިޑޭޓުންނެެވެ. އެހެން ކަމުން މަޖިލިސް މެންބަރުން ރައްޔިތުންގެ ފަޅިއަށް އަރުއްވާ ޔާމީން މަގާމުން ދުރުކުރަން ރައްޔިތުން ދެއްވި އޯޑާރަަށް ތަބާވުމަށް ގޮވާލަމެވެ."
މަހުލޫފްގެ މައްޗަށް ދައުލަތުން ކުރި 2 ދައުވާއެއްގައި އޭނާގެ މައްޗަށް އިއްވި ހުކުމްތައް އަންނަ މަހުގެ ކުރީކޮޅު ތަންފީޒުކޮށް ނިމޭނެއެވެ.