Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ފިޔާ، ބިސް އަދި އަލުވި އެސްޓީއޯ އަށް ގެނެސްފި

ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް އެސްޓީއޯއިން ފިޔާ، ބިސް އަދި އަލުވި ރާއްޖެ ގެނެސްފިއެވެ.

އަންނަ ހޮނިހިރު ދުވަހު އަތޮޅު ތަކަށް ބިހާއި ފިޔާ އަދި އަލުވީގެ ޝިޕްމެންޓުތައް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދީފައިވެއެވެ.

މިއަދު އެކުންފުނީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެފައިވަނީ ރޯދަ މަހުގައި ބާޒާރުގައި އެއް އަގެއްގައި ބިހާއި ފިޔާ އަދި އަލުވި ހިފެހެއްޓުމަށް އެސްޓީއޯއިން ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލޭގައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ ގުދަނުން ވިއްކަން ފަށާނެ. އެސްޓީއޯ އިން އަބަދު ވެސް މަސައްކަތް ކުރަމުން މިދަނީ އަބަދު ވެސް ކާބޯ ތަކެތި ހެޔޮ އަގުގައި ފޯރުކޮށް ދިނުމަށް. އެކަން ކެނޑިނޭޅި ކުރަމުންދާނެ،"

ބިހާއި ފިޔާ އަދި އަލުވީގެ އަގުތައް އިއުލާން ކޮށްފައިނުވާއިރު އާންމުކޮށް މިތަކެތި ވިއްކާ އަގު ހެޔޮ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދީފައިވެއެވެ.

ރަމަޟާން މަހާއި ދިމާކޮށް އެސްޓީއޯއިން ބިހާއި ފިޔާ އަދި އަލުވި، މިތިން ބާވަތުން ކޮންމެވެސް އެއް ބާވަތެއް ހުސްވެ އަގު ބޮޑު ވާތަން ބައެއް އަހަރުތަކުގައި ދިމާވެއެވެ.